އިނގިރޭސި ޕްރިމިއާ ލީގުގަ ރޭ ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު، ބޮޑު ތަފާތަކުން ޗެލްސީ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކުރީ 6-2 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މިއީ މި ސީޒަންގައި ލީގުގައި ޗެލްސީ ހޯދި ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ މެޗުގައި ޗެލްސީ ބަލިވީ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަތުންނެވެ.
ރޭ މެޗުގެ ފުރަތަމަ ލަނޑުޖަހައި ޗެލްސީއަށް ލީޑު ހޯދައިދިނީ ނިކްލަސް ޖެކްޝަނެވެ. މެޗުގެ 27 ވަނަ މިނެޓުގައި މަތެއުސް ކުންޔާ ވަނީ ލަނޑުޖަހައި ވުލްވެސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޕާމާ ޖެހި ލަނޑުން ޗެލްސީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނު ނަމަވެސް ލީޑުގައި އޮވެވޭގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުތެރޭ ލާސެން ވަނީ ލަނޑުޖަހައި ވުލްވެސްއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ ފެނުނީ މާބޮޑަށް ވެސް ތަފާތުކޮށެވެ. ދެވަނަ ހާފުގައި މަޑުއޭކޭ ވަނީ ކައިރި ކައިރީ ތިން ލަނޑުޖަހައި ޗެލްސީއަށް ތިން ގޯލުގެ ލީޑެއް ހޯދައިދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ އޭނާގެ ކެރިއާގައި ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކެވެ. މި ތިން ލަނޑު ޖަހަން ވެސް އޭނާއަށް ފުރުސަތު ފަހިކޮށްދިނީ ޕާމާއެވެ.
ޗެލްސީގެ ހަވަނަ ލަނޑު ޖަހައިދނީ ފެލިކްސްއެވެ. ފެލިކްސް މި ލަނޑު ޖަހާފައިވަނީ ވުލްވްސް ދޫކޮށް މި ސީޒަނަށް ޗެލްސީއަށް ބަދަލުވި ޕެޑްރޯ ނެޓޯގެ އެހީތެރިކަމާއިއެކުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!