ޤައުމުގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު ސާފުކޮށް ރައްޔިތުންނާ ހިއްސާކުރުމަށް ސިޔާސީ ލީޑަރުންނަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ އެކައުންޓުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން، މީސްމީޑީޔާ ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، މި ދަނޑިވަޅުގައި ސިޔާސީ ލީޑަރުންގެ ޒިންމާ ވަރަށް ބޮޑުވެފައިވާ ކަމަށެވެ.

Ad
rt

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މާލީ ހާލަތު މިހާ ދަށް ދަރަޖައަކަށް ދިޔަ ސަބަބުތަކާއި، ކުރިމަގުގައި ދިމާވެދާނެ ކަމަށް ލަފާކުރެވޭ ގޮންޖެހުންތަކާއި، މި ހާލަތުން އަރައިގަތުމަށް ރޭވިފައިވާ ސްޓްރެޓެޖީތައް ސާފުކޮށް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށެވެ.

ބީއެމްއެލްގެ އައު ސިޔާސަތުގެ ދަށުން، ރުފިޔާ އެކައުންޓުތަކާ ގުޅިފައިވާ ޑެބިޓް ކާޑުތަކަށް ބޭރު ފައިސާ ދޫކުރުން ހުއްޓާލުމަށް މިއަދު ނިންމި އެވެ. މީގެ އިތުރުން، އަލަށް ދޫކުރެވޭ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއްނަމަ، އެ ކާޑުތަކަށް ބޭރު ފައިސާ ދޫނުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އަދި މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކަށް މަހަކު ދޫކުރެވޭ ބޭރު ފައިސާގެ މިންވަރު 100 ޑޮލަރަށް މަހުދޫކުރުމަށް ބޭންކުން ވަނީ ނިންމާފައެވެ.

މި ކުއްލި ނިންމުމާ ގުޅިގެން، ޚާއްޞަކޮށް ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ޑޮލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.