މުޅިނިޒާމް އެފުށް މިފުށަށް ޖަހައި، ގައުމުގެ މާލިއްޔަތު އަނދަވަޅަކަށް ވައްޓައިލީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ވިދާޅުވެ، އިދިކޮޅު މައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރައްދު ދެއްވައިފި އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ބޯޑު މެންބަރުކަމުން އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވަކިކުރެއްވި ހަބަރު ހިއްސާކުރައްވާ އެކްސްގައި ފައްޔާޒު ވިދާޅުވީ ބީއެމްއެލްއަކީ އިގުތިސޯދުގެ މުހިންމު ބައެއް ކަމަށާއި އެ ބޭންކަށް މިނިވަންކަމާއެކު އޮޕަރޭޓު ކުރުމުގެ ފުރުސަތު އޮންނަން ވާނެ ކަމަށެވެ.
ދައުލަތުގެ މާލީ ނިޒާމުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ ގޮތުން ވެސް ބޭންކް އޮފް މޯލްޑިވްސްއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި އިގުތިސޯދީ ކާރިސާއެއްގެ ތުންފަތްމަތީގައި ގައުމު އޮތް ވަގުތެއްގައި އައިޝަތު ނޫރައްދީން ފަދަ ތަޖުރިބާކާރު ބޭންކަރަކު ބީއެމްއެލްގެ ބޯޑުން ވަކިކުރުން ފައްޔާޒު ސިފަކުރެއްވީ މޮޔަ ކަމެއްގެ ގޮތުގަ އެވެ.
އެކަމަށް ރައްދު ދެއްވާ، ސައީދު ވިދާޅުވީ، 100އަހަރާއި ނުބައްދަލު ދަރަނި ނަގައި، އަޑި ނޭނގޭ ފުންމިނަށް އިޤްތިޞާދު ވައްޓައިލި 5 އަހަރުގެ މިނިސްޓަރު މިވާހަކަ ދެއްކުން ލަދުވެތިކަމުގަ އެވެ.
"ވަކި މީހަކަށްވުރެ ޤައުމުގެ މަސްލަޙަތު މާމުހިއްމު."
ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ ކުރިން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވިދާޅުވެފައިވަނީ މިހާރު ލިބޭ އާމްދަނީގެ 28 އިންސައްތަ ޚަރަދުކުރަން ޖެހެނީ ދަރަނީގެ އިންޓްރެސްޓު އަދާކުރަން ކަމަށެވެ. މީގެ ސަބަބުން މަޝްރޫޢުތައް ހިންގުމަށާއި، ސަރުކާރުން ދޭން ޖެހޭ އެހެން ޚިދުމަތްތައް ދިނުމުގައި ދަތިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ބޮޑެތި ދަރަނިތައް އަދާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އައު ސަރުކާރު ހަވާލުވެ އެންމެ ބޮޑު އިސްކަމެއް ދެއްވި މަސައްކަތަކީ ދަރަނިން ރާއްޖޭގެ އިޤްތިޞާދު ސަލަމަތްކުރުމުގެ މަސައްކަތެވެ. އެގޮތުން މި ވީ 7 މަސް ދުވަހުގެ ތެރޭގައި އެކި ފަރާތްތަކަށް ދައްކަން އޮތް 13 ބިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަން ރައިސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ދާދިފަހުން ހާމަކުރައްވާފައެވެ. މީގެތެރޭގައި އަމިއްލަ އެކި ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ދައްކާފައިވާ 4 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ދައްކަންޖެހޭ 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!