ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޒީނާ އެ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަދި ހާމައެއް ނުކުރަށްވައެވެ.

Ad
rt

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދައުލަތުގެ މީޑިއާ ހިންގުމަށް ޒީނާ ޢައްޔަނުކުރަށްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ޒީނާ އަކީ ދިގު މުއްދަތެއްގައި މީޑިއާގައި ޚިދުމަތްކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ގެންދަަވަނީ އަމިއްލަ އޮންލައިން ނޫހެއްކަމަށްވާ ''ޒީ ޓައިމްސް'' ހިންގަވަމުންނެވެ.

ޒީނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަން ވެސް ކުރަށްވާފައެެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޒީނާ އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނިކޮށް، ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ އޭނާ ވަކިކުރަން ނިންމާފައެވެ. އަދި އޭނާ ވަކިކުރުމަށް 28 އޮކްޓޯބަރު 2020 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް އެދުވަހު އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

ދައުލަތުގެ މީޑިއާގެ ޑީއެމްޑީގެ މަގާމުގައި ހުންނެވީ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ ޔާމީން ރަޝީދު އެވެ.