ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެކަމަށާއި، އެކަމަކީ ފަސްޖެހި ދޫކޮށްލަށްވާނެކަމެއް ނޫންކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. އަބުދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް މިހެން ވިދާޅުވެފައި ވަނީ، ސިއްހީ ވުޒާރާއާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މާދަމާ ޢަމަލުކުރަން ފަށާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ކާބޯތަކެތީގެ ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އެކުލެވާލެވިފައިވާ ގާނޫނެއްކަން ފާހަގަކުރަށްވާފައެވެ.

މި މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށް އަދަބުތަކެއް ކަނޑައެޅިފައިވާކަން ފާހަގަކުރައްވައި، އެ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ޖިނާއި ކުށުގެ ދައުވާއާއި، ބިދޭސީ މަސައްކަތްތެރި އެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅުމުގެ ހަމަތައް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވާކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.

މި ޤާނޫނުގެ ދަށުން މި ޤާނޫނާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި 10،000 އިން ފެށިގެން 50،000 ރުފިޔާ ދެމެދު ޖޫރިމަނާ ކުރެވޭގޮތަށް އޮންނަކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ. އަދި އެންމެ ބޮޑު ޖޫރިމަނާއެއްގެ ގޮތުގައި އެއް މިލިއަން އާ ހިސާބަށް ޖޫރިމަނާ ކުރެވޭ ގޮތަށް އޮންނަކަން ވެސް ފާހަގަކުރެއްވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީދުކުރެއްވުމުން އެ ބިލު ޤާނޫނަކަށްވީ 23 މެއި 2024ގައެވެ. އެ ޤާނޫނު ބުނާގޮތުން އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ރައީސް އެ ބިލު ތަސްދީދުކުރަށްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ތިން މަސް ފަހުންނެވެ. އެހެންކަމުން ތިން މަސް މިއަދަށް ހަމަވާނެއެވެ.