ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ، ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ވިދިވިދިގެން ދެވަނަ ފަހަރަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޖާގަ ހޯދައިފިއެވެ.

ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފުރަތަމަ ވާދަކުރީ މިދިޔަ އަހަރުއެވެ. އެ މުބާރާތުގެ ފައިނަލުން ހަނިމާދޫ ބަލިވީ ޒިގްޒެގް އަތުންނެވެ.

Ad
rt

މި އަހަރު މުބާރާތުގެ ފައިނަލުން ހަނިމާދޫ ޖާގާ ހޯދީ މިއަދު ކުޅުނު ސެމީ ފައިނަލް މެޗުގައި ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. މި މުބާރާތުގައި މިހާތަނަށް ހަނިމާދޫ ކުޅުނު ހުރިހާ މެޗަކުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ.

މިއަދު ކޮރަލްސްއާއި ހަނިމާދޫ ބައްދަލުކުރި ސެމީ މެޗުގައި ދެޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ކޮރަލްސްއަށް ޖަހައިދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 4، އަހްމަދު އާދަމެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަނިމާދޫ ޓީމުން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ މުހައްމަދު ހާލިދެވެ. މި ދެ ލަނޑު އޭނާ ޖަހާފައި ވަނީ އެ ޓީމްގެ އަލީ ހުސޭން (ދަގަނޑޭ) ތަނަވަސް ކޮށްދިން ފުރުސަތުތަކުގައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ދަގަނޑޭއެވެ.

މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރުއެވެ. ފައިނަލް މެޗުގައި ބައްދަލުކުރާނީ ހިރިމަރަދޫ ކްލަބް ޑޮމިނޭޓާސްއާއި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ.