އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި 139 ފަރާތަކަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާގެ ކައުންސެލިންގް ޑިޕާޓްމަންޓުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި 139 ކްލައިންޓުންނަށް ކައުންސިލިންގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ކައުންސެލިން، ޕޭރެންޓިން ސައިކޮސޯޝަލް ސަޕޯޓު ހިމެނޭހެން ޖުމްލަ 431 ސެޝަން ނަގައިދީފައިވާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކައުންސެލިން ޑިޕާޓްމަންޓުން ނަގައިދިން ސެޝަންތަކުގައި 215 އަންހެން ކްލައިންޓުންނާއި 60 ފިރިހެން ކްލައިންޓުން ވަނީ ބައިވެރިވެފައެވެ.

މި މުއްދަތުގެ ތެރޭގައި ބެލެނިވެރިކަމުގެ (ޕޭރެންޓިންގް) ސެޝަންގެ 82 ސެޝަނާއި، ސައިކޮސޯޝަލް ސަޕޯޓް ސެޝަންގެ 25 ސެޝަން ނަގައިދީފައިވާއިރު، އަދި ގޭގެއަށް ޒިޔާރަތްކޮށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ 32 ކޭހަކަށް އެ ވުޒާރާއިން ވަނީ އެޓެންޑްވެފައެވެ.

މީގެ ތެރޭގައި އަތޮޅުތެރޭގެ ރަށްތަކުގެ 17 ކޭހަކަށް ވެސް އެ ވުޒާރާއިން ވަނީ އެޓެންޑް ކޮށްފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މާލެ ސަރަހައްދާއި އަތޮޅުތެރެއިން ވެސް ހުށައެޅޭ ކޭސްތަކުގައި މަސައްކަތް ކުރަމުން އަންނައިރު، އެ ވުޒާރާއިން ވަނީ ފާއިތުވި 9 މަސްތެރޭގައި ކައުންސެލިންގެ 19 ތަމްރީނު ޕްރޮގްރާމެއްވެސް ހިންގާފައެވެ.