ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ނޮވެމްބަރ މަހުގެ ތިންވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ހއ.އަތޮޅު ކައުންސިލާއި އެ އަތޮޅު ކެލާ ކައުންސިލް ގުޅިގެން ކެލާގައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ކޮންމެ ރަށަކުން އެއް ޓީމަށެވެ. މުބާރާތުގައި ބައިވެރިކުރާ ކުޅުންތެރިން ހިމެނޭ ޓީމް ލިސްޓުގައި އެ ރަށެއްގެ ކައުންސިލުގެ ތައްގަނޑު ޖެހުމަށް ފަހު ރަށުގެ ވެރިއަކު ސޮއިކުރަން ޖެހެއެވެ. ޓީމް ލިސްޓްގައި ހިމަނާ ކުޅުންތެރިން އެ ރަށެއްގެ ކުޅުންތެރިއެއް ކަމަށް ބެލުމަށް ނިންމާފައި ވަނީ މި އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުގެ ކުރިން އެ ރަށެއްގައި ރަޖިސްޓަރީ ކޮށްފައިވާނަމައެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން އަތޮޅު ކައުންސިލަށް ހުށަހެޅުން ނުވަތަނަ އެ ކައުންސިލްގެ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަދި ކުޅުންތެރިން ރަޖިސްޓަރީ ކުރާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ ކައުންސިލަށް ހުށަހަޅަން ޖެހެއެވެ.
ހއ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ނަމުގައި ފުރަތަމަ މުބާރާތެއް ބާއްވާފައި ވަނީ 2022 ވަނަ އަހަރުއެވެ. އެ މުބާރާތް ކުޅުނީ އުތީމުގައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫއިންނެވެ. މިދިޔަ އަހަރު މުބާރާތް ކުޅުނީ މަރަންދޫގައެވެ. މުބާރާތް ކާމިޔާބުކުރީ ވަށަފަރުންނެވެ. މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ގިނަ ވަނަތަކެއް ހޮވައި އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ އެ އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!