މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ހއ. ދިއްދޫ ޤުފްރާން މިސްކިތުގެ މުންނާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ދިއްދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މުންނާރަށް ލިބުނު ގެއްލުމާ ގުޅިގެން އެ މުންނާރު ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމެއްކަން ފާހަގަކުރެވެއެވެ.

Ad
rt

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރޭ އެކަނިވެސް ބޮޑުތިލަދުންމަތީ އުތުރުބުރީ (ހއ) އަދި ދެކުނުބުރީ (ހދ) ގެ 16 ރަށަކުން ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ވަނީ ރިޕޯޓުކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ.

މިވަގުތުވެސް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފައިކަން ފާހަގަކޮސްލެވެ އެވެ.

އެގޮތުން މިރޭ 22:00 އާއި ހަމައަށް، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިއްސާރަ ގަދަވުމުގެ ސަބަބުން ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އުތުރުގެ ބައެއް ރަށްރަށުގައި ވައިގެ ބާރުމިން 42 މޭލަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.