ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކުރުމުގައި ދިވެހިން ސަމާލުވުމަށް ދިވެހި ޚާރިޖީ ވުޒާރާއިން އެދިއްޖެއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތުއޮތްކަމަށެވެ.

Ad
rt

އެހެންކަމުން، އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިންނާއި، އަދި އެ ސަރަހައްދަށް ދަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތުއޮތުމުން، ދިވެހި ޚާރިޖިއްޔާ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޚާރިޖީ ސިޔާސަތުގެ އިސްވެރިޔާ ޖޯސެޕް ބޮރެލް ވިދާޅުވެފައިވަނީ ޔޫކްރެއިނުން ރަޝިއާގެ ކުރުސްކް ސަރަހައްދަށް އަރައި ހަމަލާދިނީ އީޔޫގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ.

ފާއިތުވި އަންގާރަ ދުވަހު ޔޫކްރެއިނުގެ އެތައް ހާސް ސިފައިންނެއް ކުރުސްކް ސަރަހައްދަށް ވަދެ، އެތަނުގެ ބައެއް ރަށްތައް ހިފާފައިވާއިރު، ރަޝިޔާގެ އިތުރު ބާރުތަކާ ކުރިމަތިލާން ޖެހުމުން އެމީހުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކުރްސްކްއަކީ ރަޝިޔާގެ ހުޅަނގު ދެކުނު ސަރަޙައްދުގައި އޮންނަ ސިޓީއެކެވެ. ރަޝިޔާގެ އެންމެ މުހިންމު ސިޓީތަކުގެ ތެރޭގައި ހިމެނޭ މި ސިޓީއަކީ ކުރްސްކް އޮބްލަސްޓްގެ ވެރިކަން ކުރާ ރަށެވެ. މި ސިޓީގެ އާބާދީއަކީ ގާތްގަނޑަކަށް 450،000 މީހުންނެވެ.

ކުރްސްކްއަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިނގި އެންމެ ބޮޑު ޓޭންކު ހަނގުރާމަ ކަމުގައިވާ "ބެޓަލް އޮފް ކުރްސްކް" ހިނގި ތަނުގެ ގޮތުގައި މަޝްހޫރު ސިޓީއެކެވެ. މީގެ އިތުރުން، މި ސިޓީއަކީ އިޤްތިޞާދީ ގޮތުން ވަރަށް މުހިންމު ސިޓީއެކެވެ. ޚާއްޞަކޮށް ދަނގަޑު އުފެއްދުމާއި، މެޝިނަރީ އުފެއްދުމާއި، ކެމިކަލް އުފެއްދުމުގެ ސިނާޢަތްތަކުގައި މި ސިޓީ ފާހަގަކޮށްލެވެއެވެ.