ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ.
މި ބޯޑު އިފްތިތާހުކޮށްދެއްވުމަށްފަހު މިއަދު ރައީސް އޮފީހުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރުން ވަނީ ބާއްވާފައެވެ. މި ބައްދަލުކުރުން ވަނީ ދައުލަތުގެ މީޑިއާއިން ލައިވްކޮށްފައެވެ.
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މަޤުޞަދުތައް
- ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުން.
- ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުން.
މި ކޮމެޓީ އެކުލަވާލަލައްވާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. 15 މެންބަރުން ހިމެނޭ މި ކޮމެޓީ، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.
ރައިސަށް ލަފާދިނުމަށް އެކުލަވާލާފައިވާ މި ކޮމެޓީގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!