ސަރުކާރުގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިއަދު ވަނީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ އަދި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރަށްވާފައެވެ.
މާލެ ސިޓީ ކައުންސިލް އިދާރާގައި މިއަދު ވަކިވަކިން ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް ފުރިހަމައަށް ދިނުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބޭނުންވާނެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މީގެ އިތުރުންވެސް ޓްރެފިކްގެ މައްސަލަ ހައްލުކުރުމަށާއި، ގެދޮރުވެރިކަންފަދަ ރައްޔިތުންނާ އެންމެ ގުޅުންހުރި ކަންކަމުގައި ސަރުކާރުން މަސައްކަތްކުރާނީ ސިޓީ ކައުންސިލުގެ ބައިވެރިވުންވެސް ހިމަނައިގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ދެ ބައްދަލުވުމުގައި ވެސް މާލެ ސިޓީ ކައުންސިލް މެންބަރުންނާ އަދި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ހުރިތައް ރައީސާ ވަނީ ހިއްސާކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެންނެވުނުގެ ކުރިން ރައީސް މުޢިއްޒު ހުންނެވީ މާލޭގެ މޭޔަރުކަމުގެ މަޤާމުގައެވެ.
މާލެ ސިޓީ ކައުންސިލާއި އަދި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް ސުޕާ މެޖޯރިޓީ އޮންނަނީ ސަރުކާރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!