އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މި ރަސްމިއްޔާތުގައި، މަޝްރޫތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ.
މި މަޝްރޫއުތަކަކީ 2019 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރެވުނު 800 ޑޮލަރުގެ އެއްބަސްވުމުގައި ހިމެނޭ މަޝްރޫއުތަކެކެވެ.
މި މަޝްރޫއުގެތެރެއިން މިހާތަނަށް ނިންމައި ހަވާލުކޮށްފައި މިވަނީ 21 ރަށެއްގެ ފެނުގެ ނިޒާމާއި ދެ ރަށެއްގެ ނަރުދަމާ ނިޒާމްގެ އިތުރުން 5 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއުއެވެ. މި ޕްރޮޖެކްޓްގައި ވަނީ ޖުމްލަ 34 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތެވެ. ނަމަވެސް މިހާތަނަށް ނިންމާލައި ހަވާލުކޮށްފައި ވަނީ 28 މަޝްރޫއުއެވެ.
މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.
ނިންމައި ހަވާލުކުރި 28 ރަށް
1- ހއ. ކެލާގައި ފެނުގެ ނިޒާމް ޤާއިމްކުރުން
2- ށ. ފުނަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
3- ނ. މަނަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
4- އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން
5- އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން
6- ކ. ކާށިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
7- ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
8- ވ. ފެލިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
9- ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
10- ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
11- ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
12- ދ. މީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
13- ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
14- ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
15- ލ. މާބައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
16- ލ. އިސްދޫ-ކަލައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
17- ލ. މާމެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
18- ލ. ގަމުގައި ފެނުގެ ނިޒާމް ޤާއިމްކުރުން
19- މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
20- މ. މުލީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
21- މ. މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
22- ތ. ހިރިލަންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
23- ގއ. މާމެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
24- ގއ. ދާންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
25- ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
26- ގދ. ފަރެސްމާތޮޑާގައި ފެނުގެ ނިޒާމް ޤާއިމްކުރުން
27- ގދ. ހޯޑެއްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
28- ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!