ރާއްޖޭގައި ކިޔާ ހުކުރު ޚުޠުބާ އިނގިރޭސިބަހާއި ބަންގާޅު ބަހަށް ތަރުޖަމާކުރަން ފަށައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވި ގޮތުގައި، އިސްލާމްދީނަކީ ޢާލަމީ ރިސާލަތަކަށް ވުމާއެކު، ޚުޠުބާގައި އަންނަ މުހިންމު މަޢުލޫމާތު ދިވެހި ރައްޔިތުންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މުސްލިމުންނަށްވެސް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ.

Ad
rt

މިގޮތުން، މިއަދު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް ގެނެސްދީފައިވެއެވެ. ޚުޠުބާގެ އިނގިރޭސި ތަރުޖަމާ ވުޒާރާގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ވަނީ ދައްކާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ހަފްތާއިން ފެށިގެން ޓީވީ ޗެނަލްތަކަށްވެސް ތަރުޖަމާގެ ފީޑު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މިއަދުގެ ހުކުރު ޚުޠުބާއަކީ ފުރަތަމަ ފަހަރަށް އަންހެން ޢިލްމުވެރިއަކު ލިއުއްވި ހުޠުބާއެއްކަން ފާހަގަކޮށްލެވެއެވެ. މިއަދުގެ ޚުޠުބާ ލިޔުއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޒް ހައްވާ ލަޠީފްއެވެ.

ވަޒީރު ޝުކުރު އަދާކުރެއްވި ގޮތުގައި، ތަރުޖަމާ ސަބްޓައިޓަލް އެރުވުމުގެ ފަހަތުގައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތެވެ.