ސްޕެއިންގެ ކެޕްޓަން އަލްވާރޯ މޮރާޓާއާއ ރޮޑްރީ އެއް މެޗަށް ސަސްޕެންޑް ކޮށްފިއެވެ.

ޔޫރަޕްގެ ފުޓްބޯޅަ މައި އިދާރާއިން މި ދެ ކުޅުންތެރިން ސަސްޕެންޑް ކޮށްފައި ވަނީ، ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު މެޑްރިޑްގައި ކުރިއަށް ގެންދިޔަ އުފާފާޅު ކުރުމުގެ ރެލީގައި، ސްޕެއިންގެ ދެކުނު ބޯޑަރުގައި އޮންނަ ޖިބްރާލްޓާއަކީ ސްޕެއިންގެ ތަނެއްކަމަށް ބުނެ އަޑު އުފުލުމާއި ގުޅިގެންނެވެ.

Ad
rt

މި ވީޑިއޯ ސޯސަލް މީޑިއާގައި ވައިރަލްވުމާއި ގުޅިގެން މި މައްސަލަ ބަލައިދިނުމަށް އެދި ޔުއެފާއަށް މައްސަލަ ހުށަހެޅީ ޖިބްރާލްޓާގެ ފުޓްބޯޅަ މައި އިދާރާއިންނެވެ. މި މައްސަލަ ބެލުމަށް ފަހު ޔުއެފާއިން ވަނީ މި ދެ ކުޅުންތެރިން އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. ވުމާއިއެކު އަންނަ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ސްޕެއިނުން އާއި ސާބިއާ ބައްދަލުކުރާ މެޗުގައި މި ދެ ކުޅުންތެރިންނަށް ނުޅުޅެވޭނެއެވެ.

އަށާރަވަނަ ގަރުނުން ފެށިގެން ޖިބްރާލްޓާ އޮންނަނީ އިނގިރޭސިންގެ ބާރުގެ ދަށުގައި ނަމަވެސް އެ ގައުމަކީ އަމިއްލަ ސަރުކާރެއް އޮތް މިނިވަން ގައުމެކެވެ. 2013 ވަނަ އަހަރުން ފެށިގެން ޔުއެފާގެ ފުރިހަމަ މެމްބަރުކަން ލިބި ޖިބްރާލްޓާއިން އަންނަނީ ޔުއެފާ މުބާރާތްތަކުގެ ވެސް ވާދަ ކުރަމުންނެވެ.