ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެކަމަށާއި، އެކަމަކީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް އީރާނުގެ އަސްކަރިއްޔާގެ ޗީފް ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސާވީ ވިދާޅުވެއްޖެއެވެ.

މޫސާވީ މި ވާހަކަ ދެއްކެވީ ހަމާސްގެ ވެރިޔާގެ މަގާމަށް ޔަހްޔާ ސިންވާރް އައްޔަން ކުރުމާ ގުޅޭ ގޮތުން ދެއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވީ "ޔަހޫދީ ދައުލަތައް ވަރަށް އަވަހަށް ގަދަފަދަ ރައްދެއް ދޭތަން ފެނިގެންދާނެ، އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން" ކަމަށެވެ.

Ad
rt

މޫސާވީ ވިދާޅުވީ، ސިންވާރް އަކީ ފަހުގެ ތަރީޚް ދުށް ވަރުގަދަ ފަހުލަވާނެއް ކަމަށާއި، ހަމާސްގެ ވެރިކަމަށް ސިންވާރް އިސްކުރުމުން ހަމާސް އާއި ފަލަސްތީނުގެ ހައްގުގައި ޖިހާދު ކުރާ ފަރާތްތަކުން ކުރިއަށްދާން ވިސްނާ ގޮތް ސާފުކޮށް އެބަ އިނގޭ ކަމަށެވެ. އަދި ޔަހޫދީ ދައުލަތަށް ކުރިމަގެއް ނެތް ކަމަށާއި، އެ ދައުލަތް ނެތި ހަލާކުވެދާތަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން ހަނިއްޔާ އަވަހާރަ ކޮށްލި ކަމަށް ފާހަގަ ކުރައްވަމުން މޫސާވީ އިޒްރޭލް ސިފަ ކުރެއްވީ ޖަރީމާ ހިންގާ ގޭންގެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވީ އެ އަމަލު އިޒްރޭލުން ހިންގީ އެއްވެސް ލަދުހަޔާތެއް، ބައިނަލް އަގްވާމީ ގާނޫނަކަށް އަދި އާންމުކޮށް ގަބޫލު ކުރާ ހަމަތަކަށްވެސް ބެލުމެއްނެތި ކަމަށެވެ.

މި ބަޔާނުން އެނގެނީ އީރާނާއި އިޒްރޭލާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެ، ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމައިގެ ބިރުވެރިކަން އިތުރުވެފައިވާ ކަމެވެ.