ލޭބަރ ރިލޭޝަން އޮތޯރިޓީ އަކީ ދާޚިލީ ވުޒާރާގެ ދަށުން ހިންގާތަނެއްގެ ގޮތުގައި މިއަދު ހަމަޖައްސައިފިއެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން އުފެދިފައިވާ މުއައްސަސާއެކެވެ. އެތަނާއި މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުތަކަށް ޢަމަލުކުރޭތޯ ބަލައި އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

Ad
rt

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު އެ މުއައްސަސާ ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރަށްވާފައެވެ.

ރައީސް މިގޮތަށް ހަމަޖެއްސެވީ، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، ލޭބަރ ރިލޭޝަންސް އޮތޯރިޓީއަކީ، ދާޚިލީ ސަލާމަތާއިި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފައިވާތީކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވެ، ވުޒާރާތަކުގެ މެންޑޭޓު އެކުލަވާލިއިރު ލޭބަރ ރިލޭޝަން އޮތޯރިޓީ ހަމަޖެހިގެން ދިޔައީ މަތީ ތަޢުލީމާއި ބެހޭ ވުޒާރާގެ ދަށުން ހިނގަމުން އަންނަ ތަނެއްގެ ގޮތުގައެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީ އަކީ ދިވެހިރާއްޖޭގެ ވަޒީފާއާއިބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތައް ތަންފީޒުކުރޭތޯ ކަށަވަރުކުރުމަށް މުވައްޒަފުން މަސައްކަތްކުރާ ތަންތަނަށްވަދެ ބަލައި ޗެކް ކުރުމުގެ އިޚްތިޔާރު ލިބިދީފައިވާ މުއައްސަސާއެކެވެ.