އައްޑޫސިޓީގެ ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރަން ހޯދި އައު ޖެނަރޭޓަރު އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ފެނަކަ ކޯަޕަރޭޝަނުން ފަށައިފިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓް ކަރަންޓު ބޭނުންވާކަމަށް ސަރުކާރުން ހާމަކުރެއެވެ. ކަަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ޖުމްލަ ކެޕޭސިޓީ އަރަނީ 26.8 މެގަވޮޓްއެވެ.

Ad
rt

ނަމަވެސް އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމުން މިހާރު އުފެއްދެނީ 15 މެގަވޮޓް ކަމަށް ފެނަކައިން ބުނެއެވެ.

ކެޕޭސިޓީގެ މައްސަލައިގެ އިތުރުން ކަރަންޓު ކެނޑެން މެދުވެރިވާ އަނެއް ސަބަބަކީ މަގު ހަދާއިރު ކޭބަލަށް ތަކުރާރުކޮށް، ގެއްލުން ލިބެމުންދާތީ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފެނަކައިން މިއަދު ބުނީ އައްޑު ސިޓީއަށް މިވަގުތު ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް 1,600 ކިލޯވޮޓްގެ ޖެންސެޓެއް ގެންދިއުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އައު ޖެނެރޭޓަރާއެކު، އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބިގެންދާނެއެވެ. ސަރުކާރުން ދަނީ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެންވަޔަރުމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގު އިބްރާހިމް ވިދާޅުވީ އައްޑޫ ހިތަދޫގެ ސެންޓްރަލް ޕަވާ ސްޓޭޝަނަށް ކުރީ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެއްވެސް ތަރައްގީއެއް ގެނެސްފައި ނެތުމުން އެ ތަނުގެ ހާލަތު ގޯސް ވެފައިވާ ކަމަށެވެ.

ސެންޓްރަލް ޕަވާ ސްޓޭޝަނަށް ބޭނުންވާ އިތުރު ޖެނަރޭޓަރުތައް އެ ސަރުކާރުގެ ދުވަސްވަރު ގަނެފައި ނުވާ ކަމަށާއި މިހާރު ބޭނުންކުރާ ޖެނަރޭޓަރުތައްވެސް އޭރު ނުބަލަހައްޓާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.