މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ފަސް މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފައްދައި މަރުކަޒީ ބޭންކުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކޮށްފި އެވެ.
އެމްއެމްއޭއިން ބައެއް މީޑިއާތަކަށް ބުނެފައި ވަނީ، އެ ބޭންކަކީ ޒަމާނީ، ހެޔޮ ނަތީޖާ ނެރެދޭ މަރުކަޒީ ބޭންކަކަށް ހެދުމަށް އެތަނުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން ގެންނަ އެންމެ ބޮޑު ބަދަލަކީ އެތަނުގެ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު، ފަސް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމެވެ. އެގޮތަށް އެމްއެމްއޭގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.
މި ފަސް މެނޭޖިން ޑައިރެކްޓަރު ބަލަހައްޓަވާނީ ފަސް ދާއިރާއެއްގެ މަސައްކަތެވެ. އެ ބޭފުޅުންނަށް މި މަގާމު ފުރުއްވޭނީ ގިނަވެގެން ފަސް އަހަރުގެ ދެ ދައުރެވެ.
މިއާއިއެކު މަރުކަޒީ ބޭންކުގައި މިހާރު އެސިސްޓެންޓް ގަވަރުނަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވަނީ އެޑްވައިޒަރުންގެ މަގާމަށް ބަދަލުކޮށްފައެވެ.
އެމްއެމްއޭގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެތަނުގެ ބޯޑުން ފާސްކޮށްފައި މިވަނީ އެތަނަށް އައު ގަވަރުނަރެއް ޢައްޔަނުކޮށްފައި ވަނިކޮށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު،އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރައްވާފައި ވަނީ ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.
އޭގެކުރިން ގަވަރުނަރުކަން ކުރައްވާފައި ވަނީ ޢަލީ ހާޝިމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!