މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫނު (ގޭސް މާނު)ގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މާނު މިއަދު ރާއްޖެ އައުމުން ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ. އޭނާ ރާއްޖެ އައީ އަހަރުތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމަށްފަހުއެވެ.

Ad
rt

ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނު މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށެވެ.

މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫނު މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފައިވާއިރު، މައުމޫނުގެ މައްޗަށް ތުހުމަތު ކުރެވުނު ރިޝްވަތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަމިއްލައަށް އިސްނަގައިގެން ބަލާފައެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ވަނީ 22 ޖެނުއަރީ 2024 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައެވެ.

މި މައްސަލައިގައި މައުމޫން ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) ނަގާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފަވެއެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މި މައްސަލާގައި މައުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ، އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ހިމެނޭހެން ޖުމްލަ ހަތް ދައުވާއެއް ކުރުމަށް އެސީސީން ވަނީ އެދިފައެވެ.

އޭސީސީން ވަނީ މި މައްސަލައިގައި ހިމެނޭ 3,106,189.38 (ތިން މިލިއަން އެއްލައްކަ ހަހާސް އެއްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސް އަށް ލާރި) އަންބުރާ ހޯދުމަށްވެސް ނިންމާފައެވެ.