ބަންގްލަދޭޝްގައި ހިނގަމުންދާ އެއްވުންތަކާއި ގުޅިގެން އެ ޤައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން މިއަދު އިލްތިމާސްކޮށްފިއެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހިން ސަމާލުވުމަށް މީގެކުރިން ވެސް ޚާރިޖިއްޔާއިން އަންގާފައިވާއިރު، ދިވެހި ޚާރިޖިއްޔާއިން މިއަދު ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް އެދޭކަމަށެވެ.

Ad
rt

ދިވެހި ޚާރިޖިއްޔާއިން ބުނިގޮތުގައި، ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

''މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކަށް، ހައިކޮމިޝަނުން އަންނަނީ ގަވައިދުން ގުޅައި ހާލު ބަލަމުން، މިދަރިވަރުންނާއެކު، ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފައި'' ދިވެހި ޚާރިޖިއްޔާއިން ބުނެފަވެއެވެ.

މިވަގުތު ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު ޢިއުލާން ކޮށްފައިވާތީ، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށް ވެސް ދިވެހި ޚާރިޖިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ބަންގްލަދޭޝްގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް އެ ހައިކޮމިޝަންގެ ކޮންޓެކްޓްތައް ޚާރިޖީ ވުޒާރާއިން ވަނީ ހިއްސާކޮށްފައެވެ.

ހައިކޮމިޝަނާ ގުޅޭނެ ނަންބަރު، 1708 120 318 880+ / 1329 748 885 880+

ހައިކޮމިޝަންގެ އީމެއިލް: admin@maldivesbd.org

މީގެއިތުރުން، ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރ 7983400 އަށް ގުޅޭނެ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ބުނެފައެވެ.