އުތުރުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން ޚިދުމަތް ފެށުމަށް ބޭނުންވާ ޕައިލެޓް ބޯޓާއި ޓަގް ބޯޓް ވަނީ ކުޅުދުއްފުށި ޕޯޓަށް މިއަދު ގެނެސްފިއެވެ.

އެމްޕީއެލުން މިކަން ހާމަކުރީ އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައެވެ.

Ad
rt

މި މަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި، ބައިނަލްއަގުވާމީ ބަންކަރިންއަށް ވަންނައިރުގައި 300 އާއި 450 އާއި ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު އުތުރުން ދަތުރުކުރާ ކަމަށެވެ.

’އަޅުގަނޑުމެންނަށް މީގެއިން އެންމެ ޕަސެންޓޭޖެއް ނުވަތަ 2 ޕަސެންޓޭޖް މަސައްކަތާއިއެއްކޮށް ލިބުނަސް މިކަމުގައި އެސްޓީއޯ ރާއްޖޭގެ ފަރާތުން މި ނެރެނީ. އެސްޓީއޯއާއި ޕާޓްނަރ މިކުރަނީ ވިޓޯލް." ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މި ޚިދުމަތާއެކު ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް މުޅިން އާ 400 މިލިއަން ޑޮލަރު ވަދެގެން ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައި ވަނީ 24 ފެބްރުއަރީ 2024ގައި ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީކޮށް ސަރުކާރުން ވަނީ ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައެވެ. އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތް މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

އެއަށްފަހު 13 މާރިޗް 2024ގައި ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި، ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫއެކެވެ.