ހދ. ކުޅުދުއްފުށްޓަށް މިއަހަރުގެ ފެބްރުއަރީ މަހު ގުޅާލި އިންޓަނޭޝަނަލް ޕީސް ކޭބަލް މެދުވެރިކޮށް އުރީދޫން މިހާރު ޚިދުމަތް ދޭން ފަށައިފިއެވެ. މި ކޭބަލް މިހާރުވަނީ ސިންގަޕޫރާއި ޔޫރަޕާ ގުޅާލެވި، ޚިދުމަތް ދޭން ފެށިފައެވެ.
އުރީދޫގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މަޢުލޫމާތު ހާމަކުރެއްވީ އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީއެވެ. އޭނާ ވިދާޅުވި ގޮތުގައި މާލެއިން ބޭރު ރަށަކަށް މި ކޭބަލް ގުޅާލައި ޚިދުމަތް ދޭން ފެށުމަކީ އެ ކުންފުނިން ރާއްޖެއަށް ގެންނަން ބޭނުންވާ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް ލިބޭ އިތުރު ބާރެކެވެ.
ކުޅުދުއްފުއްޓާ ގުޅާލި ޕީސް ކޭބަލަކީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާލި ފުރަތަމަ ފަހަރެވެ. މި ކޭބަލަކީ ސިންގަޕޫރާއި ޔޫރަޕްގެ އިތުރުން އެފްރިކާއާ ވެސް ރާއްޖެ ގުޅާލެވޭނެ ބައިނަލްއަޤްވާމީ ކޭބަލެކެވެ.
އުރީދޫން މި ކޭބަލަށް އިންވެސްޓުކުރަން ނިންމީ އިންޓަނެޓްގެ ޚިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. އަދި މި ކޭބަލާ އެކު 5ޖީގެ ޤާބިލްކަން އިތުރުކޮށް، އީޖާދީ ޚިދުމަތްތަކަށް ފުރުސަތު ހުޅުވި ހަޤީޤީ ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުރީދޫން ބުނެފައިވެއެވެ.
އުރީދޫން އިތުރަށް ބުނެފައިވަނީ ޕީސް ކޭބަލްގެ ލޭންޑިން ސްޓޭޝަނަށް ކާމިޔާބުކަމާ އެކު ގުޅާލުމާ އެކު ރާއްޖޭގެ އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުސަތުތައް ފަހިކޮށްދޭނެ މަންޒިލަކަށް ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޕީސް ކޭބަލްގެ ސަބަބުން ހައިޕާސްކޭލް ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ހިދުމަތް ހޯސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ. އޭގެ އިތުރުން އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެން ދާނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
މި ކޭބަލުގެ ސަބަބުން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕް ތަކުގައި ކުޅުދުއްފުށީގެ ނަން ހިމެނިގެން ދާނެ އެވެ. އުރީދޫން ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފްކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ވ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!