ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވައިލީ 6 ޖޫން 2024 ގައެވެ.
މި ފުރުސަތުގެ ދަށުން ކުރިމަތިލި ފަރާތްތަކުގެ ނަންތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި ނަންތައް ފޮނުއްވިއިރު، އެ މަގާމަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއްގެ ގޮތުގައި ޚިޔާރުކުރައްވާފައިވަނީ އީސީގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރައްވާފައިވާ ހަބީބުގެ ނަމެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ހަބީބު ޢައްޔަނުކުރުމަށް ފެންނަކަމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވާއިރު، އޭނާގެ ނަން ތަޅުމަށް ގެންދަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފާސްކުރީ ޖުލައި 30 ވަނަ ދުވަހުއެވެ.
ހަބީބު އެމަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް 73 މެންބަރަކު ވޯޓު ދެއްވިއިރު ނުފެންނަކަމަށް 3 މެންބަރަކު ވޯޓު ދެއްވިއެވެ.
އީސީގެ މެންބަރުކަން ދެ ދައުރު ފުރުއްވާފައިވާ ހަބީބަކީ ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރަށްވައިގެން ހުންނެވި ބޭފުޅެކެވެ. ހަބީބު ވަނީ އީސީގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
އެޗްއާރުސީއެމްގެ މެންބަރަކު އައްޔަން ކުރެއްވުމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރު ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!