މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު މުނައްވަރު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމުގައި ހުންނެވި، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު އެ މަގާމަށް ޢައްޔަނުކުރަށްވަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމެވިކަން ސަރުކާރުން ޢިއުލާން ކުރީ 22 ޖުލައި 2024 ގައެވެ.
ރައީސް މުޢިއްޒު ވަނީ އޭރުގެ ގަވަރުނަރު ޢަލީ ހާޝިމް އެދުވަހު މަޤާމުން ވަކިކުރަށްވާފައެވެ. ޢަލީ ހާޝިމް ވަކިކުރީ ރައްޔިތުންގެ މަޖިލީހުން އެގޮތައް މަޝްވަރާދިނުމުންނެވެ. ގަވަރުނަރު ޢަލީ ހާޝިމް އެ މަޤާމުން ވަކިކުރެއްވުމަށް، ރައީސް މުޢިއްޒަށް ލަފާއަރުވަން މަޖިލީހުން 22 ޖުލައި 2024 ގައި ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.
މުނައްވަރު ގަވަރުނަރުކަމަށް ހަމަޖެއްސެވުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން، ރައީސް މުޢިއްޒު ވަނީ އެ ދުވަހު މަޖިލީހަށް އެކަން މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެއަށްފަހު މަޖިލީހުގެ މާލިއްޔަތުކޮމެޓީން ވަނީ މުނައްވަރާ އިއްޔެ އިންޓަވިއު ކުރެއްވުމަށްފަހު ކޮމެޓީގެ މަސައްކަތް ނިންމާ، މެންބަރުންނަށް ރިޕޯޓު ހިއްސާކޮށްފައެވެ. އަދި މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ރިޕޯޓު އޮތީ ހިމަނާފައެވެ.
އެ ރިޕޯޓަށް ބަހުސަށް ވަގުތު ދިނުމަށްފަހު، ވޯޓު ގަޑީގައި މުނައްވަރަށް ރުހުން އޮތްތޯ ބަލަން ނެގި ވޯޓުގައި މެންބަރުން ވަނީ ގަވަރުނަރުކަމަށް މުނައްވަރަށް ރުހުން އޮތްކަމަށް ފާސްކޮށްފައެވެ.
އެގޮތަށް ފާސްކުރީ 78 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އަދި ވަކިކޮޅެއް ނުނަންގަވާ މެންބަރަކު ވެސް ނެތެވެ.
އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން އެ އޮތޯރިޓީގެ ގަވަރުނަރާއި ޑެޕިއުޓީ ގަވަރުނަރު އައްޔަންކޮށް، ވަކިކުރާނީ ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!