އުތުރުގައި އަންނަމަހު 20ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުގެ މައި ހަރުގޭގައި މި ޖުލައި މަހުގެ 7 ވަނަ ދުހުގެ ރޭ ކުރިއަށް ގެންދިޔަ އެ އިއްތިހާދުގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވަނީ އެ ރޭން ފެށިގެން އެއް މަސް ތެރޭގައި ބަންކަރިންގެ ހިދުމަތް ސަރުކާރުން ރަސްމީކޮށް އުތުރުގައި ފައްޓާނެ ކަމަށް ވިދާޅުވެފައެވެ.
އެއަށްފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ސައީދު ވަނީ އުތުރުގައި އަންނަ މަހު 20 ގައި ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ މަހު 20 ގައި އިންޓަނޭޝަނަލް ބަންކަރިންއަށް މިވަންނަނީ އުތުރުގައި.’’ ޕީއެސްއެމްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވެފައެވެ.
އޭނާ ވިދާޅުވިގޮތުގައި، އިންޓަނޭޝަނަލް ބަންކަރިންއަށް ވަންނައިރުގައި 300 އާއި 450 އާއި ދެމެދުގެ އަދަދަކަށް ކޮމާޝިއަލް ބޯޓުފަހަރު އުތުރުން ދަތުރުކުރާ ކަމަށެވެ.
‘’އަޅުގަނޑުމެންނަށް މީގެއިން އެންމެ ޕަސެންޓޭޖެއް ނުވަތަ 2 ޕަސެންޓޭޖް މަސައްކަތާއިއެއްކޮށް ލިބުނަސް މިކަމުގައި އެސްޓީއޯ ރާއްޖޭގެ ފަރާތުން މި ނެރެނީ. އެސްޓީއޯއާއި ޕާޓްނަރ މިކުރަނީ ވިޓޯލް." ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެއެވެ. މިގޮތުން ރާއްޖޭގެ ޖީޑީޕީއަކީ 6.5 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މި ޚިދުމަތާއެކު ރާއްޖޭގެ އިޤްތިޞާދުގެ ތެރެއަށް މުޅިން އާ 400 މިލިއަން ޑޮލަރު ވަދެގެން ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.
އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް، ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އިޤްތިޞާދީ ވުޒާރާއިން ސޮއިކުރީ 12 މެއި 2024 ގައެވެ.
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާންކުރައްވާފައި ވަނީ 24 ފެބްރުއަރީ 2024ގައި ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅެއްގައި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެދުވަހު ރައީސް ވިދާޅުވިގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ފްރީ ޒޯން ނަމުގައި ފްރީޒޯނެއް ހިންގާނެ ކުންފުންޏެއް ރަޖިސްޓްރީކޮށް ސަރުކާރުން ވަނީ ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދިއްޕޮޅުގެ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެ ކުންފުނީގެ އެސެޓަށް ކޮންވާޓްކޮށްދީފައިވާ ކަމަށާއި، އަދި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ހޯރަފުށީ ފަޅުގައި ފަށާ މަސައްކަތް މި އަހަރުގެ ތެރޭގައި ބިން ހިއްކަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ އެދުވަހު ވިދާޅުވެފައެވެ.
އެއަށްފަހު 13 މާރިޗް 2024ގައި ސަރުކާރުން ވަނީ އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި، ވަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ ހަވާލުކޮށްފައެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫޢު އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!