ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް ރެއާލް މެޑްރިޑް ކުޅުންތެރިއެއްގެ ގޮތުގައި ރަސްމީކޮށް ތައާރަފްކޮށްފިއެވެ.

އުމުރުން 18 އަހަރުގެ އެންޑްރިކް ރެއާލްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ރަސްމީކޮށް ތައާރަފްކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad
rt

ބްރެޒިލްގެ ޕަލްމެއިރާސްއަށް ކުޅެމުން އައި އެންޑްރިކްގެ ސޮއި ރެއާލުން ހޯދާފައި ވަނީ 2022 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން އެންމެ 16 އަހަރެވެ. ފާއިތުވި ދެ އަހަރު ޕަލްމެއިރާސްއަށް ކުޅުމަށްފަހު އުމުރުން 18 އަހަރު ފުރުމުން ރެއާލުން މިވަނީ ރަސްމީކޮށް ޓީމަށް އޭނާ ގެނެސްފައެވެ. ވުމާއިއެކު އަންނަ ސީޒަންގައި އޭނާ ރެއާލު ޓީމްގެ 16 ނަމްބަރު ޖޯޒީގައި ފެނިގެންދާނެއެވެ.

އެންޑްރިކް ތައާރަފް ކުރުމުގެ އިވެންޓަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. އިވެންޓްގައި ސަޕޯޓަރުންނާއި މިހާތަބުކޮށް ވާހަކަ ދައްކަމުން އެންޑްރިކް ބުނީ ކުޑައިރުއްސުރެ ރެއާލަށް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި، އެ ހުވަފެން ހަގީގަތަކަށް ވުމުން އޭނާއަށް ލިބިފައިވާ އުފާވެރިކަން ސިފަކޮށްދޭން ބުނާނެ އެއްޗެއް ނޭނގިފައި ހުރިކަމަށެވެ.

"އަހަރެންގެ ހުވަފެން ހަގީގަތަކަށް ވެއްޖެ، ހަމައެކަނި އަހަރެންގެ ހުވަފެން ނޫން މިއީ އާއިލާގެ ވެސް ހުވަފެން ހަގީގަތަކަށް ވުން" ރެއާލަށް ބަދަލުވުން އާއިލާއަށް ހާއްސަ ކުރަމުން އެންޑްރިކް ބުންޏެވެ.

މި އިވެންޓްގައި އެންޑްރިކްގެ މަންމައާއި ބައްޕަ ވެސް ވަނީ ބައިވެރިވެފައެވެ. އެންޑްރިކް ފެންކަޅިވެ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މަންމައާއި ބައްޕަގެ ލޮލުން ވެސް ފެނިގެން ގޮސްފައި ވަނީ އުފާވެރިކަމުގެ ކަރުނައެވެ.

އެންޑްރިކް އަކީ މިހާރު ބްރެޒިލް ސީނިއާ ގައުމީ ޓީމްގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ބްރެޒިލް ޓީމްގައި ހިމެނިގެން މި މަހު ނިމިދިޔަ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ވެސް ކުޅެފައެވެ.

ނިމިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގާއި ލަލީގާ ވެސް ކާމިޔާބުކުރި ރެއާލް މެޑްރިޑުން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިން ހޯދަމުންނެވެ. މިގޮތުން އެ ޓީމުން ވަނީ ދާދިފަހުން ފްރާންސްގެ ތަރި އެމްބާޕޭގެ ސޮއި ހޯދާ އޭނާ ރަސްމީކޮށް ރެއާލް ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފް ކޮށްފައެވެ.