ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ފާޠިމަތު ދިޔާނާ (ޅ. ހިންނަވަރު ސަންދުރަ) ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ދިޔާނާ އަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

Ad
rt

ދިޔާނާ މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަޤާމުގައެވެ. 18 ފެބްރުއަރީ 2024 ގައި އެ މަޤާމަށް ޢައްޔަނުކުރެވުނު ދިޔާނާ އަކީ ކަސްޓަމްސްގެ ފުރަތަަމަ އަންހެން ޑެޕިއުޓީ ކޮމިޝަނާ އެވެ. ދިޔާނާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައެވެ.

ދިޔާނާ ވަނީ ކަސްޓަމްސްގެ ހިދްމަތުގައި 23 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައެވެ.

މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވީ ޔޫސުފް މާނިޢު މުޙައްމަދެވެ. އޭނާ މިއަދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ބަދަލުކުރައްވާފައެވެ. މާނިއު ކަސްޓަމްސްގެ ވެރިއަކަށް ޢައްޔަނު ކުރެއްވީ 20 ނޮވެމްބަރު 2023 ގައެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި މިވަގުތު ތިން ބޭފުޅަކު އެބަތިއްބެވިއެވެ. އެއީ އަބްދުﷲ ވަހީދު އާއި މަހްމޫދު ރިޔާޒު އަދި އިބްރާޙީމް މަފާޒް އެވެ.