މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓްގެ ބިއްލޫރިގަނޑު ތަޅާލިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން އިއްޔެ ވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

Ad
rt

ފުލުހުން މިއަދު ބުނީ، އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އެމީހާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ކޭއެފްސީ ރެސްޓޯރަންޓްގެ ބިއްލޫރިގަނޑު މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ތަޅާލާފައި ވަނިކޮށް، ގާބުރިއަކުން ޖަހައި މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ފަތުހު ވެސް ވަނީ އެތަނުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

އެތަނުގެ ބިއްލޫރިގަނޑު 15 ވަނަ ދުވަހުގެ ރޭ ފަތިހު ތަޅާލާފައިވާއިރު، 15 ވަނަ ދުވަހުގެ ދުވާލު ކޭއެފްސީ އާއި އެތަނާ ކައިރީ ހުންނަ ޕިއްޒާ ހަޓް ކައިރީ އިސްރާއީލާއި ދެކޮޅަށް ބަޔަކު އެއްވެ، އަޑު އުފުލާ މުޒާހަރާ ކޮށްފަވެއެވެ. އެ މީހުން ވަނީ އިސްރާއީލާއި ގުޅުން ހުންނަ ވިޔަފާރިތައް ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ.

ހައްދުފަހަނާއަޅާފައިވާ އިސްރާއީލާއި އެ މީހުންނާއި ގުޅުން ހުންނަ އުފެއްދުންތަކާއި ވިޔަފާރިތަކާއި ދެކޮޅަށް ވެރިރަށް މާލޭގައި މީގެ ކުރިން ވެސް ވަނީ މުޒާހަރާތައް ކޮށްފައެވެ.