ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު (ނޫރާނީގެ، ޅ. ހިންނަވަރު) އަވަހާރަވުމާ ގުޅިގެން އެ ޢާއިލާއަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް ޞާލިޙްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ތަޢުޒިޔާ ވިދާޅުވެ ރައީސް މުޢިއްޒު މީސްމީޑިއާގައި ޙިއްޞާ ކުރެއްވި ޕޯސްޓްގައި އެމަނިކުފާނު ވަނީ ކުރީގެ ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޞާލިޙްގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާކަމުގައި ރައީސް މުޢިއްޒު ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު ވަނީ ރައީސް ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ. އަދި ‏މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުހޫމާ ލެހެއްޓެވުމަށްއެދި ދުޢާ ދަންނަވާފައިވެއެވެ.

ރައީސް ޞާލިޙްގެ މަންމާފުޅު އަވަހާރަވިއިރު އެކަމަނާގެ ޢުމުރުފުޅަކީ 80 އަހަރެވެ.