ހޯމަ ދުވަހު އަލިވިލުނުއިރު މުޅި މީސްމީޑިއާ ބަންޑުންވެފައި އޮތީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ދެއްކެވި ވާހަކައަކާއިގުޅޭ އެކި ޒާތްޒާތުގެ ސްޓޭޓަސްތަކާއި، ފޮޓޯތަކާއި ޚަބަރުތަކާއި، ޚިޔާލުފާޅުކުރުންތަކެވެ. ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އިން އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަރުގެ ޖަލްސާގައި އަލީ އާރިފް ދެއްކެވި ވާހަކަ އަޑުއަހާލަން މަޖުބޫރުވީ އެހިސާބުންނެވެ.
އަލީ އާރިފް ދެއްކެވި ވާހަކަތައް އަޑު އަހާލިއިރު، މުޅި ވާހަކަ ބިނާވެފައި އޮތީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށްކަން ފާހަގަކުރެވުނެވެ. އޭގެތެރެއިން ''ގަރުދިޔައާއި ބަތާއި، ދިރިއުޅުމުގެ ފެންވަރާއި ގުޅުވައި'' ގެންނެވި ވާހަކައަކީ މީސްމީޑިއާގައި މިއަދާއި ހަމައަށް ވެސް އެވާހަކައެއް އެންމެ ގަދައަށް ދައްކާ ވާހަކަކަމުން، އެވާހަކައަށް ޖެހިލާނަމެވެ.
މިވާހަކައިގެ ފެށުން އަންނަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅުވައެވެ. ޤައުމުގެ ދަރަންޏާއި ގުޅުވައެވެ. ރައްކާތެރިކަން އިސްކުރާންޖެހިފައިވާކަމުގެ އިންޒާރާއި ގުޅުވައެވެ. އެ ދަރަނި އުފަންކުރުވި މީހުން ޒިންމާ ކުރުވާންޖެހިފައިވާކަމަށް އަލީ އާރިފް ހަރުއަޑުން ވިދާޅުވިއެވެ.
''ދެންމެއަކު ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި ރައީސް އަމީނުން ފެށިގެން ރައީސް އިބޫ އާއި ހަމައަށް އައިއިރު ދައުލަތުގެ ދަރަންޏަކީ 60 ބިލިއަން ރުފިޔާ، އެކަމަކު ފާއިތުވި ފަސް އަހަރު ދުވަހު އެކަނި ދަރަންޏަކީ 64 ބިލިއަން ރުފިޔާ، އެވާހަކަ ނުދައްކައެއްނުވާނެ އެހެންވިއްޔަކާ، ކޮންމެވެސް ވަރަކަށް ޖެހޭ ދައްކަން، އަޅުގަނޑުމެންނަށް މަނާ އެއްވެސް ބޭފުޅަކަށް ރައްދިދިނުން. އެކަމަކު ދިވެހިރައްޔިތުންގެ ހައްގުގައި މިވާހަކަ ރައްޔިތުންނަށް އެބަ ކިޔާދޭންޖެހޭ،'' އެވާހަކައިގެ ތެރެއަށް ވަންނަވަމުން ޢަލީ އާރިފް ވިދާޅުވިއެވެ.
''ދެން އެމީހުން ބުނަނީ އެވަރުގެ ދަރަންޏަކާއި ހަވާލުވީ ކީއްކުރަން ހެއްޔޭ؟ މި ދައުލަތް ދަރާފައި އޮތްކަން އިނގޭ ނޫންހޭ؟ ކާކު ބުނެގެންހޭ؟ ރައްޔިތުން ބުނީ ހަވާލުވެދޭށޭ، ހެޔޮނުވާނޭ މިޔާ ހަވާލުވެދޭށޭ، ރައްޔިތުންގެ ބޮޑު އިންސައްތައެއް ބުނީ މިއާ ހަވާލުވެދޭށޭ، ތިމަންނަމެންގެ ހައްގުގައި މިތަން ސަލާމަތްކޮށްދޭށޭ، އެއީ ކާކުހޭ ހަވާލުވާން ބުނީ ބުނެ އެކުރާ ސުވާލުގެ ޖަވާބަކީ، ރައްޔިތުން ބުނީ ހަވާލުވެދޭށޭ، އާދޭސްކޮށްފައޭ މިބުނީ ޕީޕީއެމް/ޕީއެންސީން ނުކުމެވަޑައިގެން ތިއުޅުއްވާ ބޭފުޅުން މިއާ ހަވާލުވެދީ މިކަން ރަނގަޅުކޮށްދޭށޭ،'' އަލީ އާރިފް ވިދާޅުވިއެވެ.
ކުރީ އިސްރާފެއްނޫން، ކުރީ ވައްކަން
''ދެންމެ އެމްޑީ ދެއްކެވި ވާހަކައިން އަޅުގަނޑު މި ހުންނަނީ ބިރުން، ކިހިނެއްބާއޭ މިކަން ކުރާނީ، ހަގީގަތަކީ ސިޔާސީ ކަންކަން ވެސް ކުރަންވާނެ، ސިޔާސީ ޕާޓީތައް އުފައްދަނީ ސިޔާސީކަންކަން ކުރަންވެސްމެ، އަދި އެއީ ސިޔާސީ ޕާޓީތައް އުފައްދާ ޤާނޫނުގައި ވެސް ބުނެފަ އޮންނާނެ ރައްޔިތުންނަށް ޚިދުމަތްކުރަން ސިޔާސީ ޕާޓީތައް އޮންނަންވާނޭ، އެކަމަކު ސިޔާސީ ކަންތައްތައް ވެސް ކުރަންވާނީ ކަތާ މިންވަރަކަށް، ކަތާވަރަކަށް، އެވިދާޅުވީ ދުނިޔެއަށް ވުޖޫދުނުވާ ޕްރޮޖެކްޓްތަކަށް އޮޕަރޭޝަނަށް މީހުން ނެގި ވަހަކަ، މިއީ އިސްރާފް، މި ހަގީގަތުގައި އެމީހުން ޒިންމާވާންޖެހޭ ކަމެއް،'' އަލީ އާރިފް ވިދާޅުވިއެވެ.
ދެން އޭނާ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ސިޔާސީ މީހުން ފަހާ ނުދުވުން ކަމަށާއި، އެހެން އެމަނިކުފާނު ވިދާޅުވެފައިވެސް ވާކަމަށެވެ. ''އެކަމަކު ސަރުކާރުން ނުދުވިއެއްކަމަކު މިނިވަން މުއައްސަސާތައް އެބަހުރި މިކަހަލަ ޖަރީމާތައް ބަލަން، ޤާނޫނުން އެމީހުންގެ މައްޗަށް ލާޒިމްކުރާކަމެއް، އަމިއްލައަށް ނުކުމެވަޑައިގެން އެބޭފުޅުން އެކަން އެބަ ކުރައްވަންޖެހިވަޑައިގަންނަވާ'' ކަމަށް އަލީ އާރިފް ވަނީ ވިދާޅުވެފައެވެ.
''ދެންމެ އެމްޑީ މުއާޒް ވިދާޅުވިފަދައިން އޭސީސީންވެސް ނުކުމެ ބައްލަވަންވީއޭ، އެމީހުން ނިދަންތިބެވިގެންނުވާނެ، މިއީ ރައްޔިތުންގެ ފައިސާއޭ، މީހަކަށް އޮޅިގެން ގޮތެއް ކަމެއް ހިނގާފާނެ، އެކަމަކު އެ ދެއްކި ވާހަކައިން އަޅުގަނޑުމެންނަށް އެބައެނގޭ ބޮޑެތި ޖަރީމާކަން، އެއަށް އާ ނަމެއް މިހާރު އެ ކިޔަނީ، އިސްރާފް، ނޫން އެއީ ވައްކަން، އިސްރާފެއްނޫންއެއީ ވައްކަންއެއީ، އެކަންޖެހޭ ބަލަން، އެޔަށްޖެހޭ ފިޔަވަޅުއަޅަން، ބޮޑެތި ނަންނަން ކިޔާނެކަމެއްނެތް، އިސްރާފެއްނޫން އެއީ، ބޮޑެތި ޖަރީމާ، ބޮޑެތި ވައްކަން އެއީ، މިރާއްޖޭގައި ހުންނާނެ މިނިވަންމުއައްސަސާތައް، ދައުލަތުން ރައްޔިތުންގެ ޖީބުން ޚަރަދުކޮށްގެން ހިންގާ ތަންތަން ހުންނާނެ، އެ ބޭފުޅުންގެ ޒިންމާއެއް މިއަދު ނުކުމެ ކިކަންވެފައިއޮތްގޮތެއް ބަލައި، އަޅަންޖެހޭ ފިޔަވަޅެއް އެޅުން، އަޅުގަނޑު ނުބުނަންވަކި މީހަކު ގެންގޮސް ހައްޔަރުކުރާކަށް، ޒިންމާވާމީހަކަށް ޤާނޫނުންބުނާ ފިޔަވަޅު އަޅަންޖެހޭނެ،'' އަލީ އާރިފް
''އަޅުގަނޑުމެން މިކަހަލަވާހަކަ ދެއްކީމަ ދެން ރައްދު ދިނުންކަމަށްވާނެ'' ކަމަށް ވިދާޅުވެ ދެން އަލީ އާރިފް ވިދާޅުވެފައި ވަނީ އެއީ އިސްރާފް ކުރުން ނޫން ކަމަށާއި، އެއީ ވައްކަން ކުރުން ކަމަށެވެ. އަދި ވައްކަން ނުކުރަނީ ކޮންކަމަކުންތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.
ރައީސް މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން: ޢަލީ އާރިފް
އިސްތިގްލާލް ރައްކާތެރިކުރުމަކީ ރައީސްގެ އެންމެބޮޑު ވަޢުދުފުޅު، އެކަން ހާސިލްވާނީ ޚަރަދުކުޑަކޮށްގެން
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންއިރު ތިމަންމަނިކުފާނުގެ އެންމެ ބޮޑު ވަޢުދުފުޅަކީ މިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުން ކަމަށް ވިދާޅުވެފައިވާށާއި، އެކަން ކުރުމަށްޓަކައި ވެސް ޚަރަދުކުރުމުގެ ސިޔާސަތު ތަންފީޒުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
''އާދޭސްކޮށްފަ މި ބުނަނީ އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންގެ ހައްޤުޤައި މިކަން ކުރަން އެބަޖެހޭ، މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންއިރު އެމަނިކުފާނު ވިދާޅުވި ތިމަންމަނިކުފާނުގެ އެންމެ ބޮޑު ވަޢުދުފުޅަކީ މިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ރައްކާތެރިކުރުމޭ، އެކަންކުރުމަށްޓަކައި ވެސް މި ރާއްޖޭގެ މިނަގާ އޮސްޓްރަސީ މެސަރސް ނުވަތަ ޚަރަދު ކުޑަކުރުމުގެ މެސަރސް އެބަޖެހޭނަގަން، އެކުރަންޖެހޭކަމެއް.'' ޢަލީ އާރިފް ވިދާޅުވިއެވެ.
''މީހަކު ބައްޔެއްވީމަ އެއަށް ޝިފާއޮތީ ހިތިބޭހެއް ބޮއިގެންކަމަށްވަންޏާ ހިތިބޭސް ބޯން އެބަޖެހޭ، އެއީ މަޖުބޫރުކަމެއް، ދެންމެއަކު ޑޮކްޓަރު ޚަލީލު ފާހަގަކުރެއްވިފަދައިން ޗާޕުކުރާ މެޝިނަށް ކަރުދާސް ޖެހީމަ ޗާޕުވެދާނެ، އެއީކީ ޒިންމާދާރުވެރިން ކުރާނެކަމެއްނޫން، އިޚްލާސްތެރިވެރިންކުރާނެ ކަމަކީ، އުނދަގުލަސް، ދައްޗަސް، އެކުރަންޖެހޭ، ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅެއް އެޅުން، އެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން އެ ގެންދަވަނީ،'' އޭނާ އިތުރަށް ވިދާޅުވިއެވެ.
''ތެދެއް ދަތި ދުވަސްކޮޅެއް އެކަމަކު މިރާއްޖެ ބަނގުރޫޓެއްނުވޭ، ﷲ އިރާދަކުރެއްވިއްޔާ ކުރީރޭ މިތާ ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ޓޫރިޒަމް ފާހަގަކުރެއްވިގޮތައް މި ރާއްޖޭގެ ކުރިމަގު ވަރަށް ފާގަތިކޮށް އަޅުގަނޑުމެންނަށް ފެންނަނީ، މި ދުވަސްކޮޅު މި ޖެހެނީ އެއްކަލަ އަޅުގަނޑުމެން އަބަދު ޓޭކަވޭ ހަދައިގެން ގޭގައި ކޭކެއުން ހުއްޓާލާފައި ކޮންމެވެސް ގޭތެރޭގައި އަމިއްލައަށް ކަށްކައިގެން ގަރުދިޔައާއިބަތާއި ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން، ބޮޑެތި ޖަލްސާތަކުގައި ބުހުތާނު ދޮގު މި ހަދަނީ، އެއްވެސް ރައްޔިތަކަށްދޭ ދުވަސްވީ މީހަކަށްދޭ އިނާޔަތެއް ކަނޑައެއްނުލާ، ކިޔަވާކުދިންނަށްދޭ އިނާޔަތެއް ނުވަތަ އެކުންދިންނަށްދޭ އެއްވެސް އެއްޗެއް ކަނޑައެއްނުލާ، އެކަނިވެރި މައިންނަށްދޭ އެއްވެސް އެއްޗެއް ކަނޑައެއްނުލާ، އާސަންދައެއް ކަނޑައެއްނުލާ، ބޮޑެތި ޖަލްސާތަކާއި، ރާވާފައިހުރި ކަންކަން މަޑުޖައްސާލީ، ވަރަށް ކުޑަގޮތަކަށް އެކަން ނިންމާލަނީ،'' އަލީ އާރިފް
ޤައުމުގެ ހާލަތަކީ އެއީކަމަށާއި، އެ ހާލަތާއި ކުރިމަތިލައި އެންމެން އެކުގައި ހާލަތުން އަރައިގަންނަން މަސައްކަތްކުރަންޖެހިފައިވާކަމަށް ވިދާޅުވެ، ދޮގު މައުލޫމާތާއި، ޚަބަރު ނުފެތުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ނޫސްވެރިންނާއި، ސިޔާސީ ޕާޓީތަކުން ވެސް ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ޢަމަލުތައް ބެހެއްޓުމަށް އެދިވަޑައިގަތެވެ.
''އެހެންވީމަ އަޅުގަނޑު ދިވެހި ރައްޔިތުންގެ އަރިހުގައި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނާއި ކުންފުނިތަކުގެ ވެރިން އެކުރާ މަސައްކަތަށް ކުޑަ ޖާގައެއް ތި ބޭފުޅުން ދެއްވާށޭ، މިވަގުތު އަޅުގަނޑުމެން ކުރާ ބޭކާރު ހޭދަތައް ބޮޑުތަނުން ކުޑަކޮށްފައި މިރާއްޖޭގޭގެ ކުރިމަގު އުޖާލާކޮށް ފެންނަން އޮތް ފެނުމަށް އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުނަގާނެ އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން، މިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ވަޢުދަކީ ކޮބާހެއްޔެވެ؟ މިނިވަންކަމާއި އިސްތިގްލާލު ދިފާއުކުރުން، އެކަންކަން ވާން އަންނަނީ އަނެއްކާވެސް ބަޔަކުމީހުންގެ ގައިދޮށަށްވެއްޓި ނުދަރާ މިތަން ސަލާމަތްކުރެވިގެން، މިކޮންމެ މީހަކު ކުރަން ބޭނުންވާ ކަމެއްނޫން، ބޭނުންވި ކަމެއްވެސް ނޫން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑިއަށް އެރުނީމަ ބަލަނީ ކޮންމެ ހާލަތަކުންވެސް އެވެނިމިވެނި އެއްޗެއް ހަދައިގެންވެސް، އަށް ބިލިއަން ރުފިޔަ ޗާޕުކުރިއޭ ބުނާއިރުގައި، ދިވެހިރައްޔިތުންގެ ފައިސާގެ އަގުވައްޓާލިއިރުގައި، އެމީހުންނަށް އެކަން ނޭނގޭތީތަ އެކަން އެ ކުރަނީ، ނޫން ފަސޭހަގޮތް ޚިޔާރުކުރީ، އެތާވެސް އުޅޭނެތާ ކިޔަވައިގެން ތިބި މީހުންވެސް އެނގޭނެތާ، ހުންނެވި މީހާއަށް އަދި ނޭނގުނަސް އަރިހުގައި ތިބޭނެތާ ކޮންމެސް ބަޔަކު، އެހެންވީމަ ފަސޭހަގޮތް ޚިޔާރުކުރީ، މި ރާއްޖޭގެ މިވަގުތުގެ ރައީސުލްޖުމްހޫރިއްޔާ ފަސޭހަގޮތެއްނޫން ބޭނުންފުޅުވީ، ދާއިމީ ހައްލު ބޭނުންފުޅުވީ، ދާއިމީ ހައްލު ލިބެން އަންނަނީ އެ ބުނާ ހިތި ބޭހެއް ބޮއިގެން، ކެންސަރުޖެހުނީމަ ތަނެއް ފަޅާލައިގެން ނޫނީ އެމީހާ ދިރިހުރުމުގެ މާބޮޑު ހޯޕެއްނެތިއްޔާ ޑޮކްޓަރު ވިދާޅުވާނެ ފައި ބުރިކޮށްލާށޭ، ނޫނީ މިވެނި ތަނެއް ބުރިކޮށްލާށޭ، ހިތާ ދެކޮޅަށް ވެސް އެކަން ކުރަންޖެހޭނެ ދެއްތޯ، އެއީ މިވަގުތު މި ކުރެވޭ ކަމަކީ،'' ޢަލީ އާރިފް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!