ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ތަނެއްގައި ލަވާ ހަޅޭކަކަށް ރައްދު ދިނުމެއްނޫން ކަމަށާއި، އެމަނިކުފާނުގެ ސިޔާސަތަކީ ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުންކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގޭގައި މިރޭ އެ ޕާޓީން ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވުން ޢަލީ އާރިފް ވިދާޅުވީ، ރައީސް މުޢިއްޒަކީ ނޭއްގާނީ ސިފައެއްގައި ވެސް އެ މަނިކުފާނަށް ދެއްވާ ރައްދުތަކަށް ރައްދު ދެއްވަން ބޭނުންފުޅުވާ ބޭފުޅެއްނޫން ކަމަށެވެ. އެހެންވެ މާގިނަ ހުއްދަތަކެއްނެތް ކަމަށާއި، ގިނައީ ދެއްކުން މަނާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

''އެމަނިކުފާގެ ސިޔާސަތަކީ އަމަލީގޮތުން ރައްޔިތުންނަށް ޚިދުމަތްކުރުން، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން، ތަނެއްގައި ލަވާ ހަޅޭކަކަށް ރައްދު ދިނުމެއްނޫން'' ޢަލީ އާރިފް ވިދާޅުވިއެވެ.

ޢަލީ އާރިފް ވިދާޅުވިގޮތުގައި، މިހާތަނަށް އައިއިރު ރައީސް މުޢިއްޒާއި ބެހޭގޮތުން، އެ މަނިކުފާނު ކުރަށްވާފައި ވަނީ މިވެނި އެވެނި ކަމެކޭ ނުވަތަ އެވެނި މިވެނި ގޮތަކޭ ކިޔައިގެން ދެއްކި އެއްވެސް ވާހަކައަކަށް ރައްދުދެއްވާފައި ނުވާކަމަށެވެ. އަދި އެކަމަށް ރައްޔިތުން ހެކިވާނެ ކަމަށެވެ.

ރައީސް މުޢިއްޒު ވާދަކުރެއްވި ކޮންމެ އިންތިޚާބެއްގައި އެހާ ތަނަވަސް އަގުލަބިއްޔަތަކުން އެމަނިކުފާނަށް ރައްޔިތުން ވޯޓުދިން ސަބަބަކީ އެއީކަން ޢަލީ އާރިފްގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.

''މި ފުރަމާލެ އަޅުގަނޑުމެންގެ ފިކުރަށް ވައިއެޅިލަން ނުކެރޭ ތަނެއްގެ ގޮތުގައި އޮއްވާ މާލޭގެ ސިޓީގެ މޭޔަރުކަމަށް އެމަނިކުފާނު ނުކުމެވަޑައިގެން ތޭހައްޓި އިންސައްތައިން، އިންތިޚާބު ކާމިޔާބު ކުރެއްވި އެތައް ބަޔަކު އޭތި މީތި ގޮވަމުން ދަނިކޮށް، އެއްވެސް ރައްދެއް ނުދެއްވާ، ނިމިދިޔަ ރިޔާސީ އިންތިޚާބުވެސް އެ ގޮތަށް،'' ޢަލީ އާރިފް ވިދާޅުވިއެވެ.

''ބައެއް ބޭފުޅުން ވިދާޅުވޭ މިވެނި އެވެނި އެއްޗެއް ދައްކައިގެންނޭ މިވެނި ކަމެއް ހާސިލްވީ، އެ ބުނާ އެއްޗެއް އޭގެފަހުގެ އިންތިޚާބުތަކުގައި ވެސް ދެއްކެވި، އެކަމަކު ނަތީޖާއެއް ނުފެނުނު، ރައްޔިތުން ބަލައިގަންނަނީ އިޚްލާސްތެރިކަން، ރައީސް މުޢިއްޒުގެ އިޚްލާޞްތެރި ނިޔަތް، އެމަނިކުފާނުގެ ތަސައްވުރު ރައްޔިތުންނަށް ކަމުދާތީ އެމަނިކުފާނަށް ރައްޔިތުންނަށް ވޯޓުދެނީ'' ޢަލީ އާރިފް އިތުރަށް ވިދާޅުވެފަވެއެވެ.

މިރޭގެ ޖަލްސާގައި އޭނާގެ ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ރާއްޖޭގެ ދަރަނީގެ ވާހަކަ ދެއްކެވި ދެއްކެވުމަށް އިޝާރާތްކުރަށްވައި ޢަލީ އާރިފް ވިދާޅުވީ، ރައީސް އަމީނުން ފެށިގެން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމާއި ހަމައަށް ރާއްޖޭގެ ދަރަންޏަކީ 60 ބިލިއަން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތެރޭ އެކަނި ވެސް ދަރަނި 64 ބިލިއަނަށް އަރާފައިވާ ކަމަށެވެ. އެހެންވެ އެއީ ދައްކަންޖެހޭ ވާހަކައެއް ކަމަށް ވިދާޅުވިއެވެ.

''އެމީހުން ބުނަނީ އެވަރު ދަރަންޏަކާ ހަވާލުވީ ކީއްކުރަންހޭ، ރައްޔިތުން ބުނީ މިއާ ހަވާލުވެދޭށޭ، ރައްޔިތުންގެ ބޮޑު އިންސަތައެއް ނުކުމެ ބުނީ އާދޭސްކޮށްފައޭ މި ބުނަނީ މިއާ ހަވާލުވެދޭށޭ، ތިމަންނަމެންގެ ހައްގުގައި މިތަން ސަލާމަތްކޮށްދޭށޭ،'' ދަރަންޏާ ހަވާލުވީ ކީއްކުރަންތޯ ސުވާލު ކުރާ މީހުންނަށް އޮތް ޖަވާބަކީ އެއީކަމަށް ވިދާޅުވެ ޢަލީ އާރިފްގެ ވާހަކާގައި ވިދާޅުވެފަވެއެވެ.