ފެޑެރަލް ރިޒާރވްއިން އިންޓަރެސްޓް ރޭޓް ދަށްކުރާނެ ކަމުގެ އުއްމީދު އިތުރުވުމާ ގުޅިގެން ރަނުގެ އަގު މިހާތަނަށް ދުވަހަކުވެސް ނުއުފުލޭ މިންވަރަކަށް އުފުލިއްޖެޖެއެވެ.
މިއަދު ހެނދުނު ސްޕޮޓް ރަނުގެ އަގު ހުރީ އައުންސަކަށް 2،466.02 ޑޮލަރުގައެވެ. އަދި މިއަދުގެ އެންމެ މަތީ އަގެއްގެ ގޮތުގައި އައުންސަކަށް 2،482.29 ޑޮލަރު ރެކޯޑު ކުރެވުނެވެ. މި ރެކޯޑު އަދިވެސް މުގުރާލާނެ ކަމަށް އެނަލިސްޓުން ގަބޫލުކުރެއެވެ.
މީގެ އިތުރުން ރަނުގެ އަގަށް ބަދަލު އަންނަ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި އެމެރިކާގެ އިންތިޚާބާއި ދުނިޔޭގެ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ރައްކާތެރިކަމަށް ރަން ގަތުން އިތުރުވެސް ހިމެނެއެވެ.
މާހިރުން އުއްމީދު ކުރަނީ ފެޑެރަލް ރިޒާރވްއިން ސެޕްޓެމްބަރު މަހު އިންޓަރެސްޓް ރޭޓް މަދުވެގެން 25 ބޭސިސް ޕޮއިންޓް ދަށްކުރާނެ ކަމަށެވެ. އިންޓަރެސްޓް ރޭޓް ދަށްވުމުން ރަނުގެ އަގު މައްޗަށް ދެއެވެ.
އެންމެ ގިނައިން ރަން ގަންނަ ޗައިނާއިން މޭ އަދި ޖޫން މަހު ރަން ގަތުން މަޑުޖައްސާލި ނަމަވެސް، ރަނުގެ ރިޒާރވް ކުޑަވުމާއި ދުނިޔޭގެ ހާލަތަށް ބަލައި އަދިވެސް ރަން ގަތުމުގެ ޝައުގުވެރިކަން ބޮޑުކަމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި އިންޑަސްޓްރީގެ މާހިރުން ބުނެއެވެ. ބޭންކް އޮފް އެމެރިކާގެ އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި، ރަނުގެ އަގު މިއަހަރު 3000 ޑޮލަރަށް އުފުލޭނެއެވެ.
ރަނުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، ރިހީގެ އަގު 2.1 އިންސައްތަ ދަށްވެ އައުންސަކަށް 30.73 ޑޮލަރަށް ވަނީ ތިރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!