•  
  •  
  •  
  •  
  •  
  •  
  •  

ހަގީގަތުގަ އެއީ ދައުވާ ކުރަން ޖެހޭވަރު ބޮޑު ޖަރީމާއެކެވެ. އެއީ ޖާހިލުކަމުގެ އިންތިހާއެވެ. މިޒަމާނުގެ ދިވެހިންނަށް ލިބިފައި މިވާ ޒަމާނީ ތަރުބިއްޔަތާ އެކު ޟަމީރެއް ވެސް އޮންނަ ހެނެއް ހިއެއް ނުވެއެވެ. މީ ދިވެހިންނަކީ ހިތްހެޔޮ ރަނގަޅުބަޔެކޭ މިއަދު ބުނުމަކީ އުނދަގޫކަމަކަށް ވެއްޖެއެވެ.

މީގެ ހަ އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކަށުނަމާދުގެ މަޢުލޫމާތު ގެނެސްދޭ ފޭސްބުކްޕޭޖެއްކަމަށްވާ "ކަށުނަމާދު އެމްވީ" އަށް އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެފައިވާއިރު މިކަންވެސް ބަޔެއް ދިވެހިންނަށް ވީ މަޖާ ކަމަކަށެވެ. ނޫސްތަކުން މިހަބަރު ގެނެސްދީފައިވާއިރު ފޭސްބުކްގެ ރިއެކްޝަން ތަކަށް ބަލާލުމުހުން މަޖާވެފަތިބި މީހުންވެސް ފެނިފައިވެއެވެ. އަނެއްބަޔަކަށް މިއީ ވަރަށް ސީރިއަސް ކަމެއްގޮތުގައި ބުނަމުންދެއެވެ.

އެ ގުރޫޕަށް މިފަދަ ގޮތަކަށް މީހަކު ދޮގު މައުލޫމާތު ދިން މިއީފުރަތަމަ ފަހަރަށް ވާއިރު ފޮޓޯއާއެކު ކަށުނަމާދުގެ މައުލޫމާތު ހާމަކޮށްދިނުމަށް އެދި އެ ޕޭޖަށް މެސެޖްކޮށްފައިވާ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އިއްޔެ ރޭ އެ މައުލޫމާތު ހިއްސާކުރި މީހާ އެކަން ކޮށްފައިވަނީ 00:00 އެހާކަންހާއިރުއެވެ. އޭނާ ވަނީ ފަތިސް ނަމާދަށްފަހު އުމުރުން 27 އަހަރުގެ އަންހެނެއްގެ މައްޗަށް ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ މައުލޫމާތު ދީފައެވެ.

އެއާއެކު ކަށުނަމާދު ފޭސްބުކް ޕޭޖުން ވަނީ އެ ފޮޓޯއާއެކު މައުލޫމާތު ހިމަނާފައެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން އެއީ ދޮގު މައުލޫމާތެއްކަން އެނގި އެ ޕޯސްޓް ވަނީ ޑިލީޓްކޮށްލާފައެވެ. މިއީ އެ ޕޭޖްގެ މަގްސަދާއި ހިލާފަށް މީހަކު ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. މަޖަލަށް ހަދާ މިފަދަ ކަންކަން ނުކުރުމަށް އެފަރާތުން ވަނީ އެދިފައެވެ.

މިމައްސަލަ ދިމާވުމާއި ގުޅިގެން އެ ޕޭޖުން ވަނީ ކަށުނަމާދުގެ މައުލޫމާތު ގެނެސްދެމުން އައި އުސޫލް ބަދަލުކޮށް ކުރިއަށް އޮތްތާ އެ ޕޭޖުން އެ މައުލޫމާތު ގެނެސްދޭނީ މަރު ފޯމް ހުށައެޅުމުން އަދި މަރުވި މީހާގެ އައިޑީކާޑްވެސް ހުށައެޅުމުން ކަމަށް ނިންމާފައެވެ. އެންމެ މީހެއްގެ ނާތަހުޒީބު އަމަލުން އެތައްބަޔަކަށް ފަސޭހަ ވަމުން އައިކަމަކަށް މިވަނީ އިތުރު ތަކުލީފު އުފުލަން ޖެހިފައެވެ.

ބައިލައްކައަށްވުރެ ގިނަ މީހުން ފޮލޯކުރާ އެ ޕޭޖްގައި އެތައް ސަތޭކަ ބައެއްގެ ކަށުނަމާދުގެ މައުލޫމާތު އަންނަނީ ގެނެސްދެމުންނެވެ.

ކަށުނަމާދު ޕޭޖުގައި ހުންނަ ޕޯސްޓުތައް ބޭނުންކޮށްގެން ޓިކްޓޮކް ހަދާފައި ވެސް ހުންނަ ކަމަށްވެސް އެޕޭޖް ހިންގާ ފަރާތްކަމުގައިވާ މުނައްވަރު ނޫހަކަށް މަޢުލޫމާތު ދެމުން ބުންނެފައި ވެއެވެ.

މަޖާކުރުމާއި ސަމާސާ ކުރުމާއި ޖެއްސުން ކުރުމުގައި މިވަނީ ހައްދުން ނައްޓާފައެވެ. މީހެއްގެ މަރުގެ ހަބަރަކީ ކުޅޭ ކުޅިވަރެއް ނޫނެވެ. ދިރި ދުނިޔޭގައި ހުރި މީހެއްގެ ނަމާއި ފޮޓޯ ބޭނުން ކޮށްގެން މިފަދަ ބޮޑެތި ދޮގު ހަދަން ޖެހިލުންނުވާ މީހުން މިކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައި އުޅުމަކީ ނުރައްކާތެރި ކަމެކެވެ.

ވިސްނާނުލާ ކޮށްލާ މިފަދަ ނާތަޙުޒީބު ކަމަކުން ހީނުކުރާވަރުގެ ކަމެއްވެސް މެދުވެރިވެދާނެއެވެ. ތިބާ އަކީ މަންމައެއްކަމުގައި ނުވަތަ ބައްޕައެއް ކަމުގައިވާނަމަ ނޭންގި ހުއްޓައި ތިމާގެ ދަރިފުޅުގެ ކަށުނަމާދުގެ ޕޯސްޓަރު ފެންނަ ވަގުތު ކުރެވޭނެ އިޙްސާސަ އަމިއްލަ ނަފްސާއި މެދުކޮށްލާށެވެ.

ޚިޔާލު

Your email address will not be published.

More in ބޮޑު