ނުއަގުގައި ދޯންޏެއް ކުއްޔަށް ނުހިފާ ކަމަށާއި އެ ވާހަކަ ދައްކަނީ ފިތުނަ އުފައްދަން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ ފެނަކައިން ނުއަގުގައި ދޯންޏެއް ހިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ. އެގިތުން، ދައުރު ކުރަމުން ދަނީ އެ ފެނަކައިން އެކި ތާރީހުތަކުގައި ތަފާތު ބޭނުންތަކަށް ކޮށްފައިވާ މުއާމަލާތްތަކެއްގެ ލިޔެކިއުންތަކެއްގެ ނަކަލެއް ކަމަށް ފެނަކައިން ބުންޏެވެ.

Ad
rt

ފެނަކައިން ބުނީ އެއީ ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކުންފުނީގެ މިހާރުގެ މެނޭޖްމެންޓުން ކުންފުނީގެ ޕްރޮކިއުމަންޓް މުއާމަލާތްތައް ހަރުދަނާކޮށް، ކުންފުނިން ހިދުމަތް ހޯދާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތަކަށް ހުރަސް އަޅައި ފިތުނަ އުފެއްދުމަށް ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ފިތުނަވެރި ވާހަކަތަކާއި އަޑުތައް ބޭނުންކޮށްގެން ކުންފުނީގެ ސާފުވަމުންދާ ނަން ކިލަނބު ކުރުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ ނާތަހުޒީބު މަސައްކަތްތަކަކީ ނިހާޔަތަށް ޣައިރު ޒިންމާދާރު އަދި މިނިވަން ނޫސްވެރިކަމުގެ ނިވަލުގައި ތިބެ، މުޖްތަމައު ފަސާދަ ކުރުމަށް ރޭވިގެން ހިންގާ ސިލްސިލާގެ ތެރެއިން ބޮޅެއް ކަމަށްވެސް ފެނަކަައިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކުރިން ވަކި ދަތުރުތަކަށް ދޯނި ފަހަރު ނަގައި އެވްރެޖްކޮށް ހަތް މިލިއަން ރުފިޔާ މަހެއްގެ މައްޗަަށް ދަތުރުފަތުރަށް ހަމަޖައްސައި އެކަމުން ނާޖާއިޒު ފައިދާތަކެއް ބަޔަކު ނަގާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މިހާރު އެ ކުންފުނީގެ ދަތުރުތައް ކުރަނީ އެއްކުރެވެން ހުންނަ ދަތުރުތައް އެއްކޮށް އެންމެ ހަރަަދު ކުޑަވާނެ ގޮތަކަށް ކަމަށްވެސް ބަޔާނުގައި ބުންޏެވެ.