ކުޅުދުއްފުށި ސިޓީގައި މަސައްކަތްތެރިން އިތުރުކުރުމަށާއި، އަލަށް ވިޔަފާރި ފެށުމަށް އަދި ކުދި ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވުމުގެ ގޮތުން "މަސައްކަތްތެރިންނާއި ކުދިވިޔަފާރިތަކުގެ ފައިނޭންސިންގ ސްކީމް" ގެ ނަމުގައި އައު ސްކީމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން ތަޢާރަފުކޮށްފި އެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މއީ 100,000 ރުފިޔާ (އެއްލައްކަ ރުފިޔާ) އާއި ހަމަ އަށް 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑް ހިމެނޭހެން 3 އަހަރު ދުވަހަށް ބަހާލައިގެން ހުޅުވާލާފައިވާ ސްކީމެއްކަމަށެވެ.

Ad
rt

މި ފައިނޭންސިންގ ސްކީމެއްގެ މައިގަނޑު މަޤްޞަދުތަކަކީ، މަސައްކަތްތެރިންގެ މަސައްކަތް ތަރައްޤީކޮށް ރަށުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ފަންނީ މަސައްކަތްތައް އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމާއި، ކުދި ވިޔަފާރިތައް ފުޅާކުރުމާއި އައު ވިޔަފާރިވެރިން އުފެއްދުމާއި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އާމްދަނީ ހޯދޭނެ މަގު ފަހިކުރުން އަދި އަންހެނުން މާލީ ގޮތުން ބާރުވެރިކުރުންކަމަށް އެކައުންސިލްގެ އުސޫލުގައި ބުނެފައިވެއެވެ.

މި ފައިނޭންސިންގ ސްކީމުގެ ދަށުން އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
1. އަމިއްލަ އުފެއްދުންތަކާއި މަސައްކަތްތައް
2. ރޭނުމާއި ވަޑާމުގެ މަސައްކަތް
3. މަސްވެރިކަމުގެ ސިނާޢަތް
4. ފެހުމާއި ޓެކްސްޓައިލްސްގެ މަސައްކަތް
5. އަތްތެރި މަސައްކަތް
6. އިވެންޓް މެނޭޖްމަންޓް
7. ފަތުރުވެރިކަމުގެ ސިނާޢަތް
8. ޕެކޭޖިންގ އަދި މެނުފެކްޗަރިންގ
9. އިލެކްޓްރިކަލް ވަޔަރިންގ އަދި މެއިންޓެނަންސް
10. ޓިންކަރިންގ، ވެލްޑިންގ އަދި ގަރާޖު މަސައްކަތް
11. ކާބޯތަކެތި އުފެއްދުން
12. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
13. ބިއުޓީ އަދި މޭކަޕްކުރުން
14. ދަނޑުވެރިކަން
15. އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
16. ކުޅިވަރު އަދި ފިޓްނަސް
17. ތަޢުލީމް ފޯރުކޮށްދިނުން
18. އިމްޕޯޓް އެކްސްޕޯޓްގެ ވިޔަފާރި
19. ކްރިއޭޓިވް އާޓްސް އަދި މިޔުޒިކް

މި ސްކީމަށް ހުށަހެޅޭނީ ކުޅުދުއްފުށި ސިޓީގައި ރަށްވެހިވެފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ކުޅުދުއްފުށީގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ކުޅުދުއްފުށީގައި އަލަށް ވިޔަފާރި ފަށާ ފަރާތްތައް އަދި ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި ވިޔަފާރިތަކަށެވެ. މީގެ އިތުރުން ސްކީމުން ދޫކުރާ ފައިސާގެ 50% ޚާއްޞަކުރެވިފައިވަނީ އަންހެނުންނަށެވެ.

މި ސްކީމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް 15 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. ފޯމު ހުށަހެޅޭނީ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.

ސްކީމާ ގުޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ދެ ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން އަންހެނުންނަށް ޚާއްޞަ ސެޝަނެއް 21 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 20:30 ގައި އަދި ފިރިހެނުންނަށް ޚާއްޞަ ސެޝަނެއް 22 ޖުލައި 2024 ވަނަ ދުވަހުގެ ރޭ 20:30 ގައި އެން.އޯ.ސީ އިމާރާތުގެ ތިރީ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކީމްގެ ދަށުން ފައިސާ ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު، ސްކީމަށް އެދި ހުށަހަޅާނެ ފޯމު އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލްގެ ޓެމްޕްލޭޓް ވަނީ އާންމުކޮށްފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ކައުންސިލް އިދާރާގެ ފޯނަށް ގުޅުއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

މި ސްކީމަކީ ވަރަށް ފުޅާ ދާއިރާއެއްގައި، ތަފާތު ގިނަ ބާވަތްތަކުގެ މަސައްކަތްތަކަށާއި ވިޔަފާރިތަކަށް އަމާޒުކުރެވިފައިވާ ޕްރޮގްރާމެއްކަމެވެ. މީގެ ސަބަބުން ކުޅުދުއްފުށި ސިޓީގެ އިޤްތިޞާދީ ހަރަކާތްތައް އިތުރަށް ފުޅާވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ، އަދި ރައްޔިތުންގެ އާމްދަނީ އިތުރުވުމަށް މަގުފަހިވާނެކަމަށް ބެލެވެއެވެ.