ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ "ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް 2024" ގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެންމެ ކުރިއަށް ވިނާސް ޓީމުން ޖެހިލައިފިއެވެ.
މި މުބާރާތުގެ ދެވަނަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު ބައްދަލު ކޮށްފައި ވަނީ ޓީމް ސްޓްރައިކާސްއާއި ޓީމް ވިނާސްއެވެ. ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު ދެ ސެޓް ތިން ސެޓުން މެޗު ކާމިޔާބު ކޮށްފައި ވަނީ ވިނާސް އިންނެވެ. މެޗުގެ ސެޓުތައް ގޮސްފައި ވަނީ (23/25، 25/20، 26/24، 14/25، 12/15) އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިނާސްގެ ޖޯޒީ ނަމްބަރު 14، ހައްވާ ޒާހިރާއެވެ.
މުބާރާތުގެ ތިންވަނަ މެޗުގައި މިދިޔަ ހުކުރު ދުވަހު ބައްދަލު ކޮށްފައި ވަނީ ޓީމް ވިނާސްއާއި ޓީމް ހިތްވަރެވެ. މި މެޗު ތިން ސެޓް ދެ ސެޓުން ކާމިޔާބު ކޮށްފައި ވަނީ ވިނާސް އިންނެވެ. މެޗުގެ ސެޓްތައް ގެންގޮސްފައި ވަނީ (25/13، 17/25، 25/17، 22/25، 07/15) އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވިނާސްގެ ޖޯޒީ ނަމްބަރު 05، ހައްވާ ނާޒްމީންއެވެ.
މުބާރާތުގެ ހަތަރުވަނަ މެޗުގައި މިއަދު ބައްދަލު ކޮށްފައި ވަނީ ކަމަނައާއި ސްޓްރައިކާސްއެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކުރީ ކަމަނަ ޓީމުންނެވެ.
މި މުބާރާތުގައި މާދަމާ ވެސް މެޗެއް ކުޅޭނެއެވެ. ބައްދަލުކުރާނީ ސްޓްރައިކާސްއާއި ހިތްވަރެވެ. މެޗު ފަށާނީ ހަވީރު 16:00 ގައެވެ.
މި މުބާރާތުގައި ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ހިތްވަރު، ޓީމް ކަމަނަ، ޓީމް ސްޓްރައިކްސްގެ އިތުރުން ޓީމް ވިނާސްއެވެ.
މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މި މަހު 18 ވަނަ ދުވަހުއެވެ.
މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
ރޮލިގަންސްއަކީ ފީވަކުގައި އިޖުތިމާއީ ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތަރައްގީއަށް މަސައްކަތް ކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު ރަޖިސްޓަރީ ކޮށްފައިވާ ކްލަބެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!