ހއ. ހޯރަފުށީގައި ގާއިމުކުރާ އެއާޕޯޓުގެ ޓާމިނަލާއި، ފަޔަރ އިމާރާތުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރީޖަނަލް އެއާޕޯޓްްސްގެ އެދުމުގެ މަތިން ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލް އާއި ފަޔާ ބިލްޑިން އިމާރަތްކޮށްދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

Ad
rt

އެ ދެމަސައްކަތް ކުރާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. ފައިސާ ބަލައިގަންނާނީ މިމަހުގެ 12 އިން 21 ގެ ނިޔަލަށް، ، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00 އަށެވެ.

ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 75،000 ރުފިޔާ ދައްކަންޖެހޭއިރު ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ 10:00 ގައި ފިނޭންސް މިނިސްޓްރީގައެވެ.

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 12 ޖަނަވަރީ 2020 އިން ފެށިގެން އެނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެޢިއުލާންގައި ވެއެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ.

އާ އަހަރާއި ދިމާކޮށް އެރަށުގެ އެއަރޕޯރޓް އެޅުމަށް ހިއްކި ސަރަޙައްދުގެ ހޭޅިފަށް ހިމެނޭހެން ވަނީ "ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ" މިޝިއާރުގެ ދަށުން އެއްލައްކަ ގަސް އިންދުމަށް އަމާޒުކޮށްގެން ގަސްއިންދުމުގެ ހަރަކާތެއްވެސް ހިންގާފައެވެ.