ކ. ކަގި ކައިރިން ފަރަށް އެރި ދޯންޏަކުން ގެއްލުނު ކުޅުދުއްފުށީ ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް އެ ސަރަހައްދުގެ ކަނޑުގެ އަޑިން ވަޅިއަކާއި އިތުރު އެއްޗެއްހިތަކެއް ފެނިއްޖެއެވެ.

Ad
rt

މި މަހުގެ 7 ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި "ޓީޓީއެސް ފާން" ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފް އިން އަންނަނީ ކަނޑު އުޅަނދުތަކާއި، ހެލިކޮޕްޓަރާއި އަދި ޑައިވަރުން ބޭނުން ކުރަމުންނެވެ. މިއަދާ ހަމައަށް ބޮޑު ސަރަހައްދެއް ބަލާފައި ވާއިރު، އެ މީހާގެ އެއްވެސް ހަބަރެއް ނުވެއެވެ.

ނަމަވެސް މިއަދު ފީނަމުން ދިޔަ ޑައިވަރުންނަށް ވަނީ އެ ސަރަހައްދުގެ 48 މީޓަރު އަޑިން ތުވާއްޔެއްގެ ބައެއް ފެނިފައިވެއެވެ. އޭގައި ލޭ ކަހަލަ އެއްޗެއް ހޭކިފައި ހުރުމުން ސުވާލު ކުރުމުން އެމްއެންޑީއެފް އިން ބުނީ އެ ތަކެތި ފުލުހުންނާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުރިހަމަ މައުލޫމާތު އެނގޭނީ ތަހުލީލުތަކަށް ފަހު ކަމަށެވެ.

ތުވާލީގެ އިތުރުން ޑަސްޓްބިން ކޮތަޅެއްގެ ތެރޭގައި އޮތް ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް 41 މީޓަރު އަޑިން ވަނީ ފެނިފައެވެ.

ދޯނި ފަރަށް އެރި އިރު ދޯނީގައި މުހައްމަދު ޔޫސުފްގެ އިތުރުން ދެން ތިބީ ދެ ބިދޭސީންނެވެ. މުހައްމަދު ޔޫސުފް ގެއްލިގެން އުޅޭކަމަށް ރިޕޯޓުކުރީ އެ ދޯނިންނެވެ.

އެމްއެންޑީއެފް އިން ބުނީ މުހައްމަދު ޔޫސުފްގެ ފޯނާއި ދަބަސް، ދޯނީގައި އޮތް ކަމަށެވެ.

މިއަދު މުޙައްމަދު ޔޫސުފް ގެއްލުމުން އެތަކެއް ސުވާލުތަކެއް އުފެދިފައިވާއިރު މިއަދު މިފެނުނު ތަކެތީގެ ސަބަބުން މިވަނީ އިތުރު ސުވާލުތަކެއް އުފެދިފަައެވެ.