މިއަދު ފެށުނު ހިޖުރީ އައު އަހަރުގެ ތަހުނިޔާ، ރައީސް ޑެ. މުހައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ.
މުޢިއްޒު، 1446 ވަނަ އިސްލާމީ އައު އަހަރު އައުމުގެ މުނާސަބަތުގައި އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވި މެސެޖުގައި، މި އައު އަހަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިސްލާމީ އަޚުންނާއި އުޚުތުންނަށް އުފާވެރިކަމާއި، ހަމަޖެހުމާއި، އެއްބައިވަންތަކަން ގެނެސްދޭނެ އަހަރަކަށް ވުމަށް ވަނީ އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.
ޚާއްޞަގޮތެއްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މާތްاللهގެ ރަޙްމަތާއި ބަރަކާތް ލެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައިވެއެވެ.
މި މެސެޖުގައި، މާތްالله، އިސްލާމީ އުންމަތުގެ ޞުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަމާއި އުފާ ފާގަތިކަމަށްޓަކައި ޤައުމުތަކުގެ ގުޅުން ވަރުގަދަކުރެއްވުން އެދި ވެސް ރައީސް ވަނީ ދުޢާ ދަންނަވާފައިވެއެވެ.
ހިޖުރީ އައު އަހަރުގެ މުނާސަބާގައި ރައީސް ރޭ ފޮނުއްވި ޚިޠާބުގައި ވަނީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތުކަމަށް ވިދާޅުވެފައެވެ.
ޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދު ވެސް ދެމިތިބޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!