ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށްވުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، މާދަމާ ފެށޭ ހިޖުރީ އައު އަހަރުގެ މުނާސަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.

Ad
rt

ރައީސްގެ ޚިޠާބުގައި ވަނީ ހިޖްރީ ސަނަތުން 1446 ވަނަ އަހަރާ އަޅުގަނޑުމެން ބައްދަލުކުރާއިރު، މުޅި އިސްލާމީ އުންމަތަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، ފަލަޞްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި، ހަނގުރާމައިގެ ނާމާން ޙާލަތުކަމަށް ވިދާޅުވެފައެވެ.

މުޅި އުންމަތަށް ކުރިމަތިވެފައިވާ މިފަދަ ހުރިހާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، "މިއީ އެއް އުންމަތެއްކަމުގައި" ކީރިތި ޤުރްއާނުގައި ދެއްވާފައިވާ މަތިވެރި އިރުޝާދު ނަގަހައްޓައި، މުސްލިމުންގެ މެދުގައި އޮތް އެހީތެރިކަމާއި، އެއްބާރުލުމާއި، ގުޅުންތައް ވަރުގަދަކުރަން ޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމީ އުންމަތުގެ ޙައްޤުގައި އަޑުއުފުލުމަށް އިސްނަގާ، އަދި އުންމަތުގެ ކުރިއެރުމަށްޓަކައި ޖޯޝާއެކު މަދަދުދޭ ބަޔެއްގެ ގޮތުގައި ދިވެހީން އަބަދު ވެސް ދެމިތިބޭނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

''ހިޖުރީ އައު އަހަރެއްގައި، ދިވެހި ރައްޔިތުން އެއްބައިވަންތަވެ، މިއަދު އައު ކުރަންވީ އެއް ޢަޒުމަކީ، ޤައުމުގެ ކަންކަން އިޞްލާހުކުރުމުގައި އެންމެން އެކަތިގަނޑަކަށް ވުމެވެ.'' ރައީސްގެ ޚިޠާބުގައި ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި، ވޭތުވެ މިދިޔަ އެތައް އަހަރަކު އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި، ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެތައް ބިދޭސީއަކު ދަނީ ދިރިއުޅެމުންނެވެ. މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް ފަދަ ކަންކަން ހުއްޓުވައި، މީހުންނަށް ހެޔޮ ވިސްނައިދިނުމުގައި މުޖްތަމަޢުވަނީ އިހުމާލުވެފައެވެ. އަދި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސުމާއި ޚަރަދުބަރަދު ކުޑަކުރުން ފަދަ އާދަތަކަށް އަޅުގަނޑުމެން އަހުލުވެރިވުން ކުޑަކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.