އިނގިރޭސިވިލާތުގެ އާންމު އިންތިޚާބުގައި އިންތިޚާބީ ބޮޑު ވަޒީރު ކިއެރ ސްޓާމަރ އަދި އޭނާގެ ލޭބާ ޕާޓީން ހޯދި ކާމިޔާބަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ބޭއްވުނު ކުއްލި އިންތިޚާބުގައި ލޭބަރ ޕާޓީން ބޮޑު މަޖޯރިޓީއެއް ހޯދާފައިވާއިރު، އިއްޔެ ބޭއްވުނު އިންތިޚާބުގައި ލޭބަރ ޕާޓީއަށް ހައުސް އޮފް ކޮމަންސްގެ 410 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާންމު އިންތިޚާބުގައި އެޤައުމުގެ އިންޚާބީ ބޮޑުވަޒީރު ކިއެރ ސްޓާމަރ އަދި ލޭބަރޕާޓީ ހޯދި ކާމިޔާބީ ފާހަގަކުރައްވައި ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސްގެ މި ޕޯސްޓްގައި ވަނީ އިނގިރޭސި ވިލާތުގެ އިންޚާބީ ބޮޑުވަޒީރުގެ ލީޑަރޝިޕްގައި އެ ޤައުމަށް އިތުރު ކުރިއެރުމާ ފާގަތިކަން ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އިނގިރޭސި ވިލާތުގެ އިންތިޚާބީ ބޮޑުވަޒީރާ ގުޅިގެން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ބައިނަލްއަޤްވާމީ ދަތި މައްސަލަތަކަށް ޙައްލުގެނައުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވެފަވެއެވެ.
އިނގިރޭސި އާންމު އިންތިޚާބުގައި އެ ޤައުމުގެ ޕާލިމަންޓުގެ 650 މެންބަރުން ހޮވުމަށް މިލިއަނުން ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުލާފައިވެއެވެ. 2010 އިން ފެށިގެން އިނގިރޭސިވިލާތް ވެރިކަން ކުރަމުން އައި ކޮންޒަވޭޓިވް ޕާޓީއަށް މިފަހަރު ލިބޭނީ 131 ގޮނޑިކަމަށް ލަފާކުރެވެއެވެ.
އިނގިރޭސި ބްރޯޑްކާސްޓަރުންނަށް އައިޕީއެސްއޯއެސް ޔޫކޭއިން ތައްޔާރުކޮށްދިން އެގްޒިޓް ޕޯލްގައި ދައްކާގޮތުން، ލޭބަރ ޕާޓީއަށް ޕާލިމަންޓުގައި 170 ގޮނޑީގެ މަޖޯރިޓީއެއް ލިބޭނެއެވެ. މިއީ 14 އަހަރު ދުވަހު ކޮންޒަވޭޓިވް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމެވެ. އަދި ލިބަރަލް ޑެމޮކްރެޓްސްއަށް 61 ގޮނޑި، ރިފޯމް ޔޫކޭއަށް 13 ގޮނޑި އަދި ސްކޮޓިޝް ނެޝަނަލް ޕާޓީއަށް 10 ގޮނޑި ލިބޭނެއެވެ. އަދި މިނިވަން ކެންޑިޑޭޓުންނާއި އެހެނިހެން ޕާޓީތަކަށް 25 ގޮނޑި ލިބޭނެކަމަށް ލަފާކުރެވެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ނިމުނީ ރޭ 10 ޖަހާއިރުއެވެ. ރަސްމީ ނަތީޖާ އިއުލާންކުރާނީ ހުރިހާ ދާއިރާތަކެއްގެ ވޯޓު ގުނާ ނިމުމުންނެވެ. ރަސްމީ ނަތީޖާ އިއުލާންކުރުމަށްފަހު، ލޭބަރ ޕާޓީގެ ލީޑަރު ކީރ ސްޓާމަރ އާ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވާނެއެވެ. މިހާރުގެ ބޮޑުވަޒީރު ރިޝި ސުނަކް ވަކިވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!