ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިއަދު ހެނދުނު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާއި އެކުއެޑޯ ބައްދަލުކުރި މެޗު، ޕެނަލްޓީގައި ކާމިޔާބުކޮށް ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފިއެވެ.

މި އަހަރުގެ ކޮޕައެމެރިކާ މުބާރާތުގެ ނޮކައުޓް މެޗުތައް ރާވާލާފައި އޮތީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު ދެ ޓީމް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތުގެ ދެ ހާފް ނުކުޅެ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރޭ ގޮތަށެވެ. ނަމަވެސް ފައިނަލް މެޗު އެއްވަރު ވެއްޖެނަމަ އިތުރު ވަގުތު ކުޅޭނެއެވެ. ކުއާޓާ މެޗުގައި އާޖެންޓީނާއާއި އެކުއެޑޯ ބައްދަލުކުރި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. އާޖެންޓީނާއިން ޕެނަލްޓީގައި މެޗު ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ އާޖެންޓީނާއިންނެވެ. ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައި 36 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ޑިފެންޑަރ ލިސަންޑްރޯ މާޓިނޭޒްއެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބި ބޭކާރުވިއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އެކުއެޑޯއަށް ޕެނަލްޓީއެއް ލިބުނެވެ. އެކުއެޑޯގެ ކެޕްޓަން އެނާ ވެލެންސިއާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި ޕެނަލްޓީ އެކުއެޑޯއަށް ދީފައިވަނީ އާޖެންޓީނާގެ އޭރިއާ ތެރެއިން ރޮޑްރިގޯ ޑެ ޕޯލްގެ އަތުގައި ބޯޅަ ޖެހުމުންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓީމް ކުރިއަށް ޖައްސައިގެން ގިނަ އެޓޭކްތަކެއް އެކުއެޑޯއިން ރޭވި ނަމަވެސް ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެވިން ރޮޑްރިގޭޒް އެވެ.

ޕެނަލްޓީގައި އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ކެޕްޓަން ލައިނަލް މެސީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެކުއެޑޯގެ ފުރަތަމަ ޕެނަލްޓީ އެންހެލް މެނާ ފޮނުވާލިއިރު، މާޓިނޭޒް ވަނީ ހުޝިޔާރުކަމާއިއެކު ޕެނަލްޓީ ދިފާއު ކޮށްފައެވެ. އާޖެންޓީނާގެ ދެވަނަ ޕެނަލްޓީ ހޫލިއަން އަލްވަރޭޒް ކާމިޔާބު ކުރިއިރު، އެކުއެޑޯގެ އަލަން މިންޑާ ފޮނުވާލި ޕެނަލްޓީ ވެސް މާޓީނޭޒް ވަނީ މަތަކޮށްފައެވެ. އެކުއެޑޯއިން ޕެނަލްޓީ ކާމިޔާބުކުރީ ޖޯން ޔެބޯއާއި ޖޯޑީ ކައިސެޑޯއެވެ. އާޖެންޓީނާގެ ފަހު ތިން ޕެނަލްޓީ ޖެހީ މެކް އަލިސްޓާއާއި މޮންޓިއެލްގެ އިތުރުން އޮޓަމެންޑީއެވެ.

އާޖެންޓީނާ ސެމީގައި ބައްދަލުކުރާނީ ކުއާޓާގައި ވެނެޒުއޭލާއާއި ކެނަޑާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ކެނަޑާ ވެނަޒުއޭލާ ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 06:00 ގައެވެ.