ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 58 މީހަކު ޝަހީދުކޮށްލައި ، މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 38،011 އަށް އަރައިފިކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ.

ސިއްހީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް 87،445 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއިލާތަކަށް އަމާޒުކޮށް ހިންގި 4 "މަރުގެ އަނިޔާވެރި ޢަމަލު" ގައި 58 މީހުން މަރުވެ، 179 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

Ad
rt

"އަދިވެސް ގިނަ ބަޔަކު ވަނީ ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ވާސިލް ނުވެވޭ ހިސާބުގައި ތަޅާލެވިފައިވާ އިމާރާތްތަކުގެ ދަށުގައާއި މަގުމަތީގައި" ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވަނިކޮށް، އިސްރާއީލުން ވަނީ މިކަމަށް އިޖާބަ ނުދީ، އޮކްޓޯބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާއަށްފަހު ގާޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ކުށްވެރިކުރަމުންދާ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އަޑުތަކަށް ބީރުކަންފަތެއް ދީފައެވެ.

އިސްރާއީލުގެ ހަނގުރާމަ ފެށި 8 މަސް ފާއިތުވެ، ގާޒާގެ ބޮޑު ބައެއް ވަނީ ވީރާނާވެފައެވެ. އަދި ކާބޯތަކެއްޗާއި، ސާފު ފެނާއި، ބޭސްފަރުވާގެ ތަކެތި ވަނީ ބަންދު ކުރެވިފައެވެ.

އިސްރާއީލުގެ މައްޗަށް ވަނީ ބައިނަލްއަޤްވާމީ ޢަދުލު ކޯޓުގައި ނަސްލު ނައްތާލުމުގެ ދަޢުވާ އުފުލިފައެވެ. އަދި މި ކޯޓުން އެންމެ ފަހުން ނެރުނު ޙުކުމުގައި ވަނީ، މިލިއަނަކަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ހަނގުރާމައިން ސަލާމަތްވުމަށް ރަފާ ސިޓީއަށް ދިޔުމަށްފަހު، މެއި 6 ގައި އެ ސަރަޙައްދަށް އިސްރާއީލު އަސްކަރިއްޔާ ވަދެ ހަމަލާދޭން ފެށުމާ ގުޅިގެން، ރަފާ ސިޓީގައި ހިންގަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.