ރީޖަނަލް ހޮސްޕިޓަލްތަކުގައި ކިއު ކުޑަކުރުމަށް، ދެ ދަންފަޅިއަށް ހިދުމަތްދޭން ފަށަން މިނިސްޓްރީ އޮފް ހެލްތުން ނިންމައިފިއެވެ.
މިގޮތުން މީގެކުރިން އެއް ދަންފަޅިއަށް ސްޕެޝަލިސްޓުންގެ ހިދުމަތްދެމުން އައި ގދ.ތިނަދޫ ގައި ހުންނަ ޑރ.އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލާއި، ލ.އަތޮޅު ރީޖަނަލް ހޮސްޕިޓަލާއި ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިތުރުން ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މި ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މި ބަދަލު މި މަހު 1 ވަނަ ދުވަހުން ފެށިގެން ގެނެސްފައިވާއިރު، ދެން ހުރި ހޮސްޕިޓަލްތަކުގައި މި މަހު 15 ވަނަ ދުވަހުން ފެށިގެން މި ބަދަލު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ރީޖަނަލް ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުން މީގެ ކުރިން އޯޕީޑީގައި ބަލި މީހުން ބަލަމުން ދިޔައީ ހެނދުނު 08:30 އިން ހަވީރު 16:00 އަށެވެ. މި ބަދަލާއިއެކު ދެ ދަންފަޅީގައި ރޭގަނޑު 10 ޖަހަންދެން ސްޕެޝަލިސްޓުންގެ ހިދުމަތް ލިބެމުންދާނެއެވެ.
ރީޖަނަލް ހޮސްޕިޓަލްތަކުގައި ސްޕެޝަލިސްޓުންގެ ހިދުމަތް ދެ ދަންފަޅިއަށް ދޭން ފެށުން އެތަންތަނުން ހިދުމަތް ހޯދާ ރައްޔިތުންނަށް އެތައްގޮތަކުން ލުއިފަސޭހަތައް ލިބިގެންދާނެ ކަމުގައި މިނިސްޓްރީން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!