ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ ޢަޒުމެއް ހުރުން މުހިންމުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޚާއްޞަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ ގައި ކުރިއަށް ދިޔަ މި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މަތީ ސާނަވީ މަރްޙަލާގެ ކިޔެވުމަކީ އުމުރުގައި ދެ ވަނަ ފުރުޞަތެއް ލިބޭ ކަމެއް ނޫންކަމަށް ދަރިވަރުންނަށް ހަނދާންކޮށްދެއްވާފައެވެ. އަދި މި ވަގުތާއި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކާމިޔާބީއެއް ހޯދުމަށް ވަރުގަދަ ޢަޒުމެއް މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުންކަމުގައި ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވާއިރު، މަތީ ސާނަވީ ތައުލީމަކީ މުސްތަޤްބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވާހަކަފުޅުގައި ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ،

ރައީސް ވިދާޅުވިގޮތުގައި، ކިޔަވައިގެން ނުކުންނަ ކުދީންނަށް ޚާއްޞަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ވެސް މި ސަރުކާރުން މަސައްކަތް ކުރާނެއެވެ.

މި އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ޤައުމީ ލޯބި ހުންނަން ވާނެކަމަށާއި، ކޮންމެ ކުއްޖަކަށްވެސް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ޤައުމީ ޚިދުމަތަށް އިސްކަންދިނުމަށް އެދިވަޑައިގެންފައެވެ.