ޖަލަށް ފޯނާއި ޑްރަގް ވެއްދުން ހުއްޓުވުމަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށް 29 ފޯނާއި އެއާއި ގުޅުން ހުރި ބައެއް ތަކެތި ފުލުހުން ހޯދައިފިއެވެ.

ކަރެކްޝަންސްގެ އޮފިސަރުންތަކެއް ރިޝްވަތު ނަގައިގެން މާފުށީ ޖަލަށް ފޯނާއި ޑްރަގްސް އެތެރެކުރާ މައްސަލައިގައި ހިންގާ މި އޮޕަރޭޝަން ހިންގަމުން ދަނީ ދާޚިލީ ވުޒާރާގެ އިސްނެގުމަކަށް، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެޝަނަލް ސަރވިސް އަދި އެމްއެންޑީއެފް ގުޅިގެންނެވެ.

Ad
rt

ދާޚިލީ ވުޒާރާއިން މިއަދު ބުނީ، މި އޮޕަރޭޝަންގެ ތެރެއިން މާފުށީ ޖަލުގެ 8 ޔުނިޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ޔުނިޓްތަކުން 29 މޯބައިލް ފޯނާއި، 17 ޗާޖަރާއި، 12 ހެޑްސެޓު، 3 ޕެންޑްރައިވް، 3 އިއަޕޮޑާއި، 3 ކޭބަލްގެ އިތުރުން 2 ސިމްކާޑު އަދި 4 ބޮގަރު ފުޅި ފެނިފައިވާކަމަށް ދާޚިލީ ވުޒާރާއިން ބުނެއެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފުލުހުން ދަނީ މިހާރު ތަހުގީގު ކުރަމުން އަންނައިރު، މި އޮޕަރޭޝަނުގައި މިހާތަނަށް 13 މުވައްޒަފަކު ވަނީ ހައްޔަރުކޮށްފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި ޖަލަށް ފޯނާއި ޑްރަގްސް ވައްދާ މައްސަލައިގައި 18 މުވައްޒަފަކު އުޅުނުކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެއް މުވައްޒަފެއްގެ އެކައުންޓަށް 24 މިލިއަން ރުފިޔާ ވަދެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ. މި 18 މުވައްޒަފުންގެ އެކައުންޓްތަކުން 73.6 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. މި ފައިސާގެ އަދަދުތަކަކީ 2023 ޖެނުއަރީން ފެށީގެން ފާހަގަ ކުރެވިފައިވާ މުއާމަލާތްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެޝަނަލް ސަރވިސް އަދި އެމްއެންޑީއެފް ގުޅިގެން ހިންގަމުންދާ މި އޮޕަރޭޝަނުގައި ޖުމްލަ 308 އޮފިސަރުން ބައިވެރިވެއެވެ. އެއީ 183 ފުލުހަކާއި، އެމްއެންޑީއެފްގެ 81 ސިފައިންނާއި، ކަރެކްޝަނަލް ސަރވިސެސްގެ 40 އޮފިސަރެކެވެ.