ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެތީން ޑިއުޓީ މާފުވާ މިންވަރު 10،000 ރުފިޔާއަށް މަތިކޮށްފިއެވެ.
މީގެ ކުރިން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކިގެ ބޭނުމަށް ގެންނަ މުދަލުން ޑިއުޓީ މާފުވާ މިންވަރަކީ 6،000 ރުފިޔާއެވެ.
ކަސްޓަމްސް އިން މި އަދަދު އިތުރުކޮށްފައިވަނީ ރާއްޖެއިން ބޭރުން ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައެވެ. އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ކަސްޓަމްސް އިން ކަނޑައަޅާ ފްރީ އޮން ބޯޑް ނުވަތަ އެފްއޯބީ އަގު 10،000 ރުފިޔާ އަށް ވުރެ ބޮޑު ނަމަ، ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ގުޑްސް ޑިކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެއެވެ.
ޑިއުޓީ ނަގާނީ މުދަލުގެ އެފްއޯބީ އަގުން 10،000 ރުފިޔާ ކެނޑުމަށްފަހުގައި ކަމަށްވެސް އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން އެފްއޯބީގެ އަގު 10،000 ރުފިޔާއަށް ވުރެ ދަށް ނަމަވެސް، އެތަކެތީގެ ބާވަތާއި އަދަދާއި އަގަށް ބަލާއިރު، އެއީ ކޮމާޝަލް ކުއެންޓިޓީއެއް ކަމަށް ކަސްޓަމްސް އަށް ގަބޫލުކުރެވޭ ނަމަ، ގުޑްސް ޑެކްލެރޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އޭގެ ޑިއުޓީ ވެސް ނަގާނެ ކަމަށް ވަނީ ބުނެފައެވެ. ޑޮކްޓަރެއްގެ ބޭސް ސިޓީއާއެކު ގިނަވެގެން ހަ މަސް ދުވަހަށް ގެންނަ ބޭހުން ޑިއުޓީއެއް ނުނެގުމަށްވެސް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!