އެގްރޯނެޓް ކުންފުނީގެ މުވައްޒަފުންނަށް ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހދ. ހަނިމާދޫގައި އިއްޔެ އިފްތިތާޙްކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނިގޮތުގައި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން މުވައްޒަފުންގެ މެދުގައި ދަނޑުވެރިކަމުގެ ހުނަރާއި އިލްމީ ޤާބިލުކަން އިތުރު ކުރުމަށްޓަކައި 18 ދުވަހުގެ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް އިއްޔެ ވަނީ ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފައެވެ.

Ad
rt

މި ޕްރޮގްރާމަކީ، އެ ވުޒާރާ އާއި ޔޫއެންޑީޕީ އަދި އެގްރޯނެޓް ގުޅިގެން ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ފޮރ ޑިވެލޮޕިންގް ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އެކޮނޮމީ(PDSAE) ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ހަނިމާދޫގައި އިއްޔެ އޮތް ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ އެގްރޯނެޓްގެ 14 މުވައްޒަފަކު ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމްގެ ބައިވެރިން މިތަމްރީން ޕްރޮގްރާމްގެ ފުރަތަމަ 12 ދުވަސް ހޭދަކުރާނީ ހަނިމާދޫގައެވެ.

ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ކްލާސްތަކުގެ އިތުރުން ހއ. މާފަހީގައި ކުރާ ދަނޑުވެރިކަމުގެ މަސައްކަތްތަށް ބަލައި އަމަލީ ތަޖުރިބާ ޙާޞިލް ކުރުމަށްފަހު މިމަހުގެ 13 ވަނަ ދުވަހު ބައިވެރިން އެނބުރި ވަޒީފާ އަދާކުރާ ރަށްރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީން ޕްރޮގްރާމްގެ ބާކީ 6 ދުވަހުގެ ސެޝަންތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި ޕްރޮގްރާމްގައި ކިޔަވާދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ހިމެނެނީ ޕްލާންޓް ޕްރޮޕަގޭޝަން ޓެކްނިކްސް ނުވަތަ ކުދި ގަސް އުފައްދާނެ ތަފާތު ގޮތްތަކާއި ނާސަރީއެއްގައި ގަސް ބަލަހައްޓާ މެނޭޖްކުރާނެ ގޮތާއި، ގަސްހެއްދުމަށްޓަކައި ފަސްގަނޑު މުއްސަނދިކުރާނެ ގޮތާއި ގަހަށް ބޭނުންވާ އެކި ކަހަލަ މާއްދާތައް ނުވަތަ ނިއުޓްރިއެންޓްސް ގަހަށް ފޯރުކޮށްދޭނެ ގޮތްތަކާއި، ގަހަށްޖެހޭ ތަފާތު ބަލިތައް ދެނެގަނެ އެބަލިތަކުން ރައްކާތެރިވާނެ ގޮތާއި ބައްޔެއް ޖެހިއްޖެ ޙާލަތެއްގައި އަޅާނެ ފިޔަވަޅުތަކުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ މޯލްޑިވްސް ގުޑް އެގްރިކަލްޗަ ޕްރެކްޓިސް ސްކީމްފަދަ މުހިންމު ކަންތައްތަކެވެ.