ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރަށްވައިފިއެވެ.
ރައީސް މިކަން ޢިއުލާން ކުރަށްވާފައި ވަނީ މީސްމީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަޤާމުތައް މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމުގައި ރައީސް ވިދާޅުވެފައި ވެއެވެ.
އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހު ފުޅަނދުބުރާއި، ކުޅިވަރުތަކާއި ރިޝެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، މިނިވަން ދުވަސް ފާހަގަކުރުމަށް ހަމައެކަނި ޖަލްސާއެއް ބާއްވައި ޚަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެކަމުގައި ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ.
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމާފައި. އެގޮތުން، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ. މީގެ ތެރޭގައި، ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ…
— Dr Mohamed Muizzu (@MMuizzu) June 27, 2024
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޢިއުލާން ކުރަށްވާފައިވާއިރު، 23 ޖޫން 2024 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު އެމަނިކުފާނު ވަނީ ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓަރމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ވެސް ނިންމަވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އިޤްތިސާދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށްވެސް ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!